ހިތަދޫ ބޮޑު މަގުގައި ހުންނަ މަލްޓި މާޓް ކުރިމަތިން ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އެބަ ދެ އެެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަލްޓީ މާޓްގެ ކުރިމަތީ މަޑުކޮށްގެން އޮތް ޕިކަޕުގައި ސައިކަލުން ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ހިތަދޫ، ޗިޗަންޑާގެ، ހަސަން ދީދީ، 55، އެވެ.
ހިތަދޫ ހޮސްޕިޓަލުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްގައި ހަސަން ދީދީގެ ބޯފަޅައިގެން ގޮސް ކޮނޑު ކަށިގަނޑު ބިނދިފައިވާ ކަމަށެވެ. އަދި އަނގަމަތިން ވެސް ފަޅައިގެން ގޮސް މޫނަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ.
ރޭ ހަންކެޑާއި މަރަދޫ ގުޅުނު ހިސާބުގައި ހިނގި އެކްސިޑެންޓްގައި 34 އަހަރުގެ ޒުވާނެއްގެ ބޯވަނީ ފަޅައިގެން ގޮސްފައެވެ. އައްޑުގައި މި ދުވަސްކޮޅު އެކްސިޑެންޓްތައް ގިނަ ވެފައިވާ އިރު ފުލުހުން އަންނަނީ ޓްރެފިކް ކޮންޓްރޯލް ކުރުމަށް އޮޕަރޭޝަން ހިންގަމުންނެވެ. އެގޮތުން މިއަދު ހަވީރުވެސް ޓްރެފިކް އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.