އަނިޔާގެ ސަބަބުން ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ފުލްބެކް ބެން ޗިލްޗެލް އަށް ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ޗިލްވެލްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގުގައި ރޭ ޑައިނަމޯ ޒެެގްރެބް އަތުން 2-1 އިން ޗެލްސީ މޮޅުވި މެޗުގަ އެވެ. މި އަނިޔާ ޗިލްވެލް އަށް ލިބިފައިވަނީ މެޗުގެ ފަހު ވަގުތުކޮޅުތެރޭގަ އެވެ. އަނިޔާއާ ގުޅިގެން ޗިލްވެލް ދަނޑުން ފޭބީ ޗެލްސީގެ މެޑިކަލް ޓީމުގެ އެހީތެރިކަމާއެކު އެވެ.
ރޭގެ މެޗަށްފަހު ޗެލްސީގެ ކޯޗު ގްރެހަމް ޕޮޓާ ބުނީ ޗިލްވެލް އަށް ލިބުނު އަނިޔާއާ މެދު ކަންބޮޑުވާ ކަމަށާއި މިއީ ޗިލްވެލް އަދި ޗެލްސީ އަށް ވެސް ލިބުނު ގެއްލުމެއް ކަމަށެވެ. އަދި ފެންނަ ފެނުމަށް ޗިލްވެލް އަށް ލިބުނު އަނިޔާ ރަނގަޅު ނޫން ކަމަށާއި އުއްމީދަކީ ސްކޭނުން އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް ދެއްކުން ކަމަށްވެސް ޕޮޓާ ބުންޏެވެ.

ޗިލްވެލް އަކީ އިންގްލޭންޑްގެ ގައުމީ ޓީމަށް 17 މެޗު ކުޅެދީފައިވާ ކުޅުންތެރިއެކެވެ.
ޗިލްވެލްގެ އިތުރުން ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ޒުވާން ޑިފެންޑަރު ރީސް ޖޭމްސް ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. ޖޭމްސް އަށް ވެސް ވޯލްޑް ކަޕްގައި ކުޅުމުގެ އޮތީ ވަރަށް ކުޑަ ފުރުސަތެކެވެ.
މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިންގްލޭންޑް ނިކުންނާނީ އިރާންއާ ދެކޮޅަށެވެ.