ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް ރަޖިސްޓްރީކުރިކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ ޓްރާންސްޕޯޓް މިނިސްޓަރު ޝިމާޒް އަލީއާ މެދު ފިޔަވަޅެއް އަޅަން ޖެހޭނީ އެކަން ރަނގަޅަށް ބެލުމަށް ފަހު ކަމަށް އޭނާ ނިސްބަތްވާ ޕާޓީ އެމްއާރްއެމުން ބުނެފި އެވެ.
ޝިމާޒްގެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް އޭނާ މަގާމުން ވަކިކޮށްދޭން ވެސް އެދިވަޑައިގެންފައިވާ ކަމަށް އަޑުއަރާފައި ވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޝިމާޒަށް ކުރެވޭ ތުހުމަތުތައް ކަމާބެހޭ އިދާރާތަކުން ބެލުމަށް ފަހު ނޫނީ އެކަމުގައި ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އެމްއާރުއެމްގެ ބަޔާނުގައި ބުނީ އެ ޕާޓީ އަކީ ކޮރަޕްޝަނާ ދެކޮޅަށް އަބަދުވެސް ވަކާލާތުކުރާ ޕާޓީއެއް ކަމަށާއި އެކަމަކު ޝިމާޒްގެ މައްސަލާގައި ގޮތެއް ނިންމަން ވާނީ ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ތަހުގީގެއް ހިންގުމަށް ފަހު ކަމަށެވެ.
އަދި ޝިމާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެކަމުގައި ދެން ބައިވެރިވާ ފަރާތްތަކާއި އެކަމުގެ ބޮޑުކަން ވެސް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގަކަށްފަހު ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެމްއާރްއެމުން ބުނީ ޝިމާޒާ މެދު ޕާޓީން ގޮތެއް ނިންމާނީ އޭނާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު ކަމަށެވެ.
މީގެ ކުރިން ވެސް ޝިމާޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ކުރެވި އެ މައްސަލަ އޭސީސީން ވެސް ބަލާފައިވެ އެވެ. ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ބަދަލު ކުރަން ޖެހޭ ގޮތަށް ހަމަޖައްސައި އެކަން ޓްރާންސްޕޯޓު މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ޝިމާޒަށް މިދިޔަ އަހަރު ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭރު އެކަށީގެންވާ ހެކި ނެތުމުން ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ.