Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ހިންދޫންގެ އަޅުކަމުގެ މައްސަލަ ހިތަދޫ ޕޮލިހުން ތަހުގީގު ކުރަނީ

އާންމުވި ވީޑިއޯ އިން ކެޕްޗަކޮށްފައި އިން މަންޒަރެއް.

އައްޑޫގައި މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ހިތަދޫގައި ތާރު އަޅަން ފެށުމުގެ ގޮތުން އެ މަސައްކަތްކުރާ އިންޑިއާގެ ކުންފުނީގެ ބަޔަކު ހިންދީ ދީނުގެ ޝިއާރެއް ފާޅުކުރި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަން ފަށައިފި އެވެ.

އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ފުލުހުންނަށް ހުށަހަޅާފައިވާ އިރު، ފުލުހުން ރޭ ބުނީ ހިތަދޫގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން މި މަހުގެ 1 ވަނަ ދުވަހު އެ އަވަށު ކެނެރީ މަގުގައި ތާރު އަޅަން ފެށުމުގެ ގޮތުން ޕްރޮޖެކްޓްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އެހެން ދީނެއްގެ އަޅުކަންކޮށްފައިވާ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ކަމަށެވެ.

މި މައްސަލަ ގިނަ ބައެއްގެ ސަމާލުކަމަށް އައީ އަޅުކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީހަކު ޓްވިޓާގައި ހިއްސާކުރުމާ ގުޅިގެންނެވެ. އެ ވީޑިއޯގައި ފެންނަނީ މަސައްކަތްކުރާ ކުންފުނީގެ އޮފިޝަލަކު ތާރު އަޅާ މެޝިނަށް ކާއްޓެއް ބިންދާލައި، ހިންދޫންގެ އާންމު އަޅުކަމެއް ކުރާ ތަނެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް ރޭ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވާ އިރު ރާއްޖޭގެ ރަށެއްގައި އެހެން ދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާ ކަމެއް ކަމަށެވެ.

މިނިސްޓްރީން ވަނީ ރާއްޖޭގައި ތަފާތު މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ރާއްޖޭން ބޭރުގެ ފަރާތްތައް މިފަދަ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރިވާތީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އެ ފަރާތްތައް އަހުލުވެރިކުރުވުމަށް ކަމާގުޅުން ހުރި ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ.

އައްޑޫ މަގު ހެދުމުގެ މަސައްކަތްކުރަނީ އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާއިންނެވެ.