ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރުކަ ކަމަށް މުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ނަޞްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާ އެކީ މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށް ވެސް، މާތް ﷲގެ މަދަދާއި ނަޞްރުން ކާމިޔާބު ދެއްވުންކަން ކަމަށް ވިދާޅުވި އެވެ. އަދި ނަސްރުގެ ދުވަހުން ލިބޭ އަނެއް ޢިބުރަތަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެން ޖެހޭނެކަން ކަމަށް ވިދާޅުވި އެވެ.
ނަޞްރުގެ ދުވަހުގެ ހެޔޮ އެދުމާއި ތަޙްނިޔާ އަރިސްކުރަން. ޤައުމުގެ ދިފާއުގައި ޤުރުބާންވެވަޑައިގެން ޝަހީދުވެދިޔަ ބަޠަލުންގެ ޒިކުރާ މިއަދު އައުކުރަން. މާތްﷲ އެ ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި. ދިވެހި މިވަޠަން މިނިވަންކަމުގައި އަބަދުމެ ލައްވާށި.
— Ibrahim Mohamed Solih (@ibusolih) November 3, 2022
މީގެ އިތުރުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ ޤާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ޤައުމު ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަޞްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެ ގޮތުގައި ސާބިތުވެ ތިބުމުގެ ޢަޒުމް އައުކުރުން ކަމަށެވެ. އަދި ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫޙު މުޅި ޢަސްކަރިއްޔާގައި ދެމެހެއްޓުމަށް، ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ނޮވެމްބަރު މަހުގެ 3 ނަސްތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ގައި ދިވެހިންގެ ޚާއިނުންތަކެއް ސްރީ ލަންކާ ބަޔަކު ގޮވައިގެން ރާއްޖޭގެ ވެރިރަށް، މާލެ އަށް އަރައިދިން ޓެރިސްޓް ހަމަލާއިން ލިބުނު ކާމިޔާބީއާ ގުޅިގެންނެވެ. އެ ހާދިސާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، އާންމުންގެ ތެރެއިން 11 މީހަކު ޝަހީދުވި އެވެ.
މިއަދަކީ ރާއްޖޭގެ 34 ވަނަ ނަސްރުގެ ދުވަހެވެ.