ބަޓް ކޭމްޕްގެ ކާމިޔާބް އިރޮޓިކް ތްރިލާ ފްރެންޗައިޒް "މާޑާ 3" ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ.
އެހެން ނަމަވެސް އެ ފްރެންޗައިޒްގެ ކުރީ ދެ ފިލްމާ ހިލާފަށް ވިޝޭޝް ބަޓް ޑައިރެކްޓްކޮށްފައިވާ "މާޑާ 3" ގައި ލީޑް ރޯލް ކުޅެފައި ވަނީ ރަންދީޕް ހޫޑާ އެވެ. އޭނާއަކީ ބަޓްގެ ކޭމްޕްގެ މިހާރުގެ ފެވަރިޓެވެ. އެ ކުންފުނީގެ "ޖިސްމް 2" ގައި ވެސް ރަންދީޕް ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.
"މާޑާ 3" ގައި ރަންދީޕް އާ އެކު ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ "ލަންޑަން ޕެރިސް ނިއުޔޯކް" ފަދަ ފިލްމްތަކުން ފެނިފައިވާ އަދިތީ ރާއޯ ހައިދާރީ އާއި އަލަށް ތައާރަފްވާ ޕާކިސްތާން ބަތަލާ ސާރާ ލޯރެން އެވެ. ކުރީ ދެ ފިލްމެކޭ އެއްގޮތަށް "މާޑާ 3" އަކީ ވެސް ލޯބީގެ ގައިގޯޅި "ހޫނު" މަންޒަރުތައް ގިނަ އަދަދަަކަށް އެކުލެވޭނެ ފިލްމެއް ކަމަށް ބެލެވެ އެވެ.
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ވެލެންޓައިންސް ޑޭ އާ ވެސް ދިމާކޮށް ފެބްރުއަރީ 15 ގަ އެވެ.
"މާޑާ" އާއި "މާޑާ 2" ގައި ލީޑް ރޯލް އަދާކޮށްފައި ވަނީ އިމްރާން ހާޝިމީ އެވެ. އިމްރާން އާއި މަލިކާ ޝަރާވަތު ފެނިގެން ދިޔަ "މާޑާ" ގެ ޑައިރެކްޓަރަކީ "ބަރްފީ" އާއި "ލައިފް އިން މެޓްރޯ" ފަދަ ފިލްމްތަައް ގެނެސް ދީފައިވާ އަނޫރާގް ބާސޫ އެވެ. އިމްރާން އާއި ޖެކޮލިން ފެނާންޑޭޒް ފެނިގެން ދިޔަ "މާޑާ 2" ގެ ޑައިރެކްޓަރަކީ "ޒެހެރް "އަދި "ކްރޫކް" ފަދަ ފިލްމްތައް ގެނެސް ދީފައިވާ މޯހިތު ސޫރީ އެވެ.
"މާޑާ 3" އަކީ ޕްރޮޑިއުސަރު މުކޭޝް ބަޓްގެ ދަރިފުޅު ވިޝޭޝް ބަޓްގެ ފުރަތަމަ ޑަައިރެކްޝަނެވެ.