Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވާނާ އަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިއްޖެ

އަނިޔާގެ ސަބަބުން ރެޑްބުލް ލީޕްޒިގަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އަށް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ވާނާގެ ފަޔަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގުގައި ޝަހްތަރު ޑޮނެޓްސްކްގެ މައްޗަށް 4-0 އިން ލީޕްޒިގުން ކުރި ހޯދި މެޗުގަ އެވެ.

ލީޕްޒިގުން ބުނީ އެ އަނިޔާއާ ގުޅިގެން ހެދި ސްކޭންތަކުން ވާނާގެ ވާތު ފައިގެ ކުޑަހުޅުގެ ލިގަމެންޓް އިރައިގެން ގޮސްފައިވާކަން ހާމަވެފައިވާ ކަމަށެވެ. އެ އަނިޔާއާ ގުޅިގެން ވާނާ އަށް ދެން މިއަހަރު ކުޅުމުގެ ފުރުސަތެއް ނެތް ކަމަށްވެސް ބުނެފައިވެ އެވެ. އެހެންކަމުން ވާނާ އަށް މިހާރު ވަނީ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި ޗެލްސީ ދޫކޮށް ލީޕްޒިގަށް ބަދަލުވި ވާނާ ވަނީ އެ ކްލަބަށް މި ސީޒަނުގައި ކުޅެދިން 15 މެޗުގައި 9 ގޯލް ކާމިޔާބުކޮށްދީފަ އެވެ. އަދި ޖަރުމަނުގެ ގައުމީ ޓީމަށް ވާނާ ވަނީ 55 މެޗު ކުޅެދީ 24 ގޯލް ކާމިޔާބުކޮށްދީފަ އެވެ.

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޖަރުމަނު ނިކުންނާނީ ޖަޕާންއާ ދެކޮޅަށެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ސްޕެއިން އާއި ކޮސްޓަރީކާ އެވެ.