Last Updated: June 9, 11:45
Tuesday, June 9, 2026
ކުޅިވަރު

ލޮތާރި ކޮޅަށް ބޭރުމަތިން 8 ގޯލު

އައްޑޫ ފުޓުބޯޅަ ޗެމްޕއަންޝިޕް މުބާރާތުގެ ފަސްވަނަ މެޗުގެ ތެރެއިން. ފޮޓޯ: އަލީ ނާސިރު، އައްޑޫ ލައިވް

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ގްރޫޕް އޭ ގައި ބޭރުމަތި ކުޅުނު ދެވަނަ މެޗު އެޓީމު ފަސޭހަކަމާ އެކު ކާމިޔާބުކޮށްފި އެވެ.

މިމެޗު ބޭރުމަތި ޓީމުން ކާމިޔާބުކުރީ 0-8 ގެ ނަތީޖާއަކުން ކްލަބް ލޮތާރިގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއާ އެކު މި ގްރޫޕުގައި މިހާތަނަށް ބޭރުމަތި ޓީމަށް 3 ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުގެ އެއްވަނައިގައި އޮތް ފޭދޫ ޓީމު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ވަނީ 6 ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.

މި ގްރޫޕުގައި ކްލަބް ލޮތާރި ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ބޭރުމަތި ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، މެޗުގައި ރަނގަޅު ހަމަލާއެއް މި ހާފުގައި ލޮތާރި ޓީމަށް އުފެއްދޭ ގޮތެއް ނުވެ އެވެ.

މި ހާފުގައި ލޮތާރި ޓީމު ކޮޅަށް ބޭރުމަތިން ގޯލު ފުންޏެއް ޖަހާފައިވާއިރު، އެ ޓީމަށް ގޯލު ހުޅުވައި ދިނީ، 8 ވަނަ މިނެޓުގައި މުހައްމަދު އިންޝާލް އެވެ. އޭގެ ފަހުން ލޮތާރި ޓީމުގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން މުހައްމަދު ދާނިޝް އިބްރާހިމް 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނެވެ. އޭގެ މާގިނަ އިރުތަކެއް ނުވެ، 40 ވަނަ މިނެޓުގައި ދެވަނަ ޕެނަލްޓީއެއް ބޭރުމަތި ޓީމަށް ލިބި، ހަސަން ރައިފް އަހުމަދު ވަނީ ބޭރުމަތީ ޓީމަށް ތިން ވަނަ ލަނޑެއް ކާމިޔާބުކޮށް ދީފަ އެވެ.

ކައިރި ކައިރީގައި ލަނޑުތަކެއް ވަދެ ލޮތާރި ޓީމު އިތުރަށް ޕްރަޝަރަށް ވެއްޓުނު އިރު، 41 ވަނަ މިނެޓުގައި ބޭރުމަތީގެ މުހައްމަދު ދާނިޝް އިބްރާޙިމް އިތުރު ލަނޑެއް ކާމިބުކުރިއެވެ. މިއާއެކު ބޭރުމަތި ޓީމުން ހާފު ނިންމާލީ 0-4 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފަށް ލޮތާރި ޓީމުން އެރީ ނަތީޖާ ބަދަލުކޮށްލުމުގެ އުއްމީދުގައެވެ. ނަމަވެސް މި ހާފުގައިވެސް މެޗު ކޮންޓްރޯލް އެޓީމަށް ނުނެގި ދިޔައިރު، އިތުރު ހަތަރު ލަނޑު އެޓީމުގެ ދާގަނޑު ފޫއަޅުވާލިއެވެ. މި ހާފުގެ ފުރަތަމަ ލަނޑު 61 ވަނަ މިނެޓުގައި ބޭރުމަތި ޓީމުގެ މުހައްމަދު ތިލްމީޒް ކާމިޔާބު ކުރިއިރު، 66 ވަނަ މިނެޓުގައި މުހައްމަދު އިންޝާލް އޭނާގެ ދެވަނަ ލަނޑެއް ދައްކާލި އެވެ.

މި މެޗުގައި ދެން ފެނިގެން ދިޔައީ އަނެއްކާވެސް ހަސަން ރައިފް އަހުމަދުގެ ލަނޑެކެވެ. މެޗުގެ ފަހު ލަނޑު 89 ވަނަ މިނެޓުގައި މުހައްމަދު ތިލްމީޒް ބޭރުމަތި ޓީމަށް ކާމިޔާބުކޮށްދީ ނަތީޖާ ފުރިހަމަ ވަގުތު ހަމަވީއިރު 0-8 ލަނޑަށް ބަދަލުކޮށްލި އެވެ. މިއާއެކު މެޗުގެ މޭން އޮފް ދަ މެޗު ހޯދީ ބޭރުމަތި ޓީމުގެ މުހައްމަދު ތިލްމީޒް އެވެ.

މިމުބާރާތުގެ މެޗެއް މާދަމާވެސް ކުޅޭނެއެވެ. މިމެޗުގައި ބައްދަލު ކުރާނީ ގްރޫޕް ބީ އިން މެދުވަލު އެފްސީ އަދި މަރަދޫ އެފްސީއެވެ. މިމެޗުގައި ރާއްޖޭގެ މަޝްހޫރު ފޯވާޑު ދަނގަޑޭ ފެނިގެން ދާނެ ކަމަށް މެދުވަލު އެފްސީން ވަނީ ހާމަކޮށްފަ އެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައި އައްޑޫ ފުޓު ބޯޅަ ސްޓޭޑިއަމުގައެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކުރާ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީ މާކެޓެވެ.