ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ޖެރާޑް ޕީކޭ ފުޓްބޯޅަ ކުޅުން ހުއްޓާލަން ތައްޔާރުވެއްޖެ އެވެ.
ޕީކޭ ،35، ޓްވިޓާ މެދުވެރިކޮށް އާންމުކުރި ވީޑިއޯއެއްގައި ބުނީ ބާސާ އަށް ފަހު އެހެން ޓީމަކަށް ނުކުޅޭނެ ކަމަށް އަބަދުވެސް ބުނަމުން އަންނަ ކަމަށާއި އެގޮތުން އެކަން އޮންނާނީ ވެސް އެގޮތުގައި ކަމަށެވެ. އަދި ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި އަލްމީރިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ބާސާ އަށް ކުޅެދޭނެ ފަހު މެޗު ކަމަށް ޕީކޭ ބުނެފައިވެ އެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލި ނަމަވެސް އަދި އެނބުރި ބާސާ އަށް ކޮންމެވެސް ދުވަހަކުން އަންނާނެ ކަމަށްވެސް ޕީކޭ ބުންޏެވެ.
ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ކުރީގެ ބައިވެރިޔާ އަދި ކުދިންގެ ބައްޕަ ޕީކޭގެ ފުޓްބޯޅަ ކެރިއަރު ފެށީ ބާސާގެ ޔޫތު ޓީމުން ކަމަށްވާއިރު އޭނާ ވަނީ ބާސާ ދޫކޮށްލުމަށްފަހު މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް ޒަރަގޯޒާ އަށް ވެސް ކުޅެފަ އެވެ. ޕީކޭ އެނބުރި ބާސާ އަށް އައިސްފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގަ އެވެ.
ބާސާ އަށް 615 މެޗު ކުޅެދީ 53 ގޯލް ކާމިޔާބުކޮށްދީފައިވާ ޕީކޭ ވަނީ އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން އޭނާ ވަނީ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ސްޕެނިޝް ލީގު އަށް ފަހަރު، ސްޕެނިޝް ކަޕް ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ސްޕެއިންގެ ގައުމީ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ޕީކޭ ވަނީ 2018 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ. ޕީކޭ ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕަކާއި ޔޫރޯއެއް ކާމިޔާބުކޮށްފަ އެވެ.