Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ނަތަންޔާހޫ ވެރިކަމަށް އެނބުރި ވަޑައިގެންފި

އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެނބުރި ވެރިކަމަށް ވަޑައިގެންފި އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި އިޒްރޭލުގެ އާންމު އިންތިހާބުގެ ނަތީޖާ ރޭ އިއުލާންކޮށްފަައިވާއިރު ނަތަންޔާހޫއަށް ތާއީދު ކުރާ ޕާޓީތަކުން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑި ހޯދާފަ އެވެ. އިޒްރޭލުގެ މިހާރުގެ ބޮޑުވަޒީރު ޔައީރް ލަޕިޑް އަށް ތާއީދުކުރާ ފަރާތްތަކަށް ލިބިފައިވަނީ 51 ގޮނޑި އެވެ.

އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާއެކު ލަޕިޑް ވަނީ ނަތަންޔާހޫ އަށް މަރުހަބާ ކިޔާފަ އެވެ.

އާންމު އިންތިހާބުން ލިބުނު ކާމިޔާބީއާއެކު ނަތަންޔާހޫ އަށް ސަރުކާރެއް އެކުލަވާލަން 28 ދުވަހުގެ މުއްދަތެއް ލިބިގެންދާނެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރުކަމުގެ މަގާމު މީގެކުރިން 12 އަހަރު ވަންދެން ފުރާފައިވާ ނަތަންޔާހޫ އަލުން ވެރިކަމަށް ވަޑައިގެންނެވިއިރު އޭނާގެ މައްޗަށް މިހާރު ވެސް އަންނަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ވެސް ކުރަމުންނެވެ. އެގޮތުން އެ މައްސަލަތަކުގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހު ކުރިއަށްގެންދާނެ އެވެ.