Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ނަޝީދު މިސްރަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިސްރަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ނަޝީދު އެ ގައުމަށް ފުރާވަޑައިގެންނެވީ މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރައްވާ ރަސްމީ ދަތުރަކީ 27 ވަނަ ކޮންފެރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް 27) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށެވެ. އޭގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ސްރީ ލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގަ އެވެ. ނަޝީދަކީ އެ ގައުމުގެ ރަނިލް ވިކްރަމަސިންހަގެ ކްލައިމެޓް އެޑްވައިޒަރެކެވެ.

މަޖިލީހުން ބުނީ މި މަހުގެ 8 ވަނަ ދުވަހު މިސްރުގައި ބާއްވާ ކްލައިމެޓް ފްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓް: ޕޭވިން ދަ ލޭ ފްރޮމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ގައުމީ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލަން ހަމަޖެހިފައިވާ އިރު، މި ބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން އިންތިޒާމު ކުރާ ބައްދަލުވުމެކެވެ.

މިސްރަށް ކުރައްވާ ދަތުރުގައި ސީވީއެފް އާއި ވީ20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާ ވެސް ނަޝީދު ބައްދަލުކުރައްވާނެ އެވެ. ކަމަށް މަޖިލީހުން ބުނެއެވެ.

މިވަގުތު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ (ސީވީއެފް)ގެ ވަލްނަރަބަލް ޓްވެންޓީ (ވީ20) ގްރޫޕުގެ ރިޔާސަތު ގާނާއިން ބަލަހައްޓާ އިރު، ރާއްޖެ އަކީ ވެސް ސީވީއެފްގެ މެމްބަރު ގައުމެކެވެ.