Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕްގެ ޓީމުތައް ސިޔާސީ ނުވާން އެދިއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

މި މަހު ފަހުކޮޅު ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުން ސިޔާސީ ނުވާން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އެދިއްޖެ އެވެ.

ވޯލްޑް ކަޕް މި މަހު 20 ގައި ފަށާއިރު ވޯލްޑް ކަޕްގެ މަސައްކަތުގައި އުޅޭ ގިނަ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ކަށަވަރު ނުކޮށްދޭތީ އާއި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތަށް ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ގަތަރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުން ވޯލްޑް ކަޕްގައި ބައިވެރިވާ ބައެއް ޔޫރަޕްގެ ޓީމުތަކުން އަންނަނީ އެކި ސިފަ ސިފައިގައި މުބާރާތުގެ ތެރޭގައި ޝުއޫރު ފާޅުކުރުމަށް ތައްޔާރުވަމުންނެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެ އިދާރާގެ ސެކެޓްރީ ޖެނެރަލް ފާތުމާ ސަމޫރާ ވޯލްޑް ކަޕްގައި ބައިވެރިވާ 32 ގައުމުގެ ފުޓްބޯޅަ އިދާރާތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދުނިޔޭގައި އޮތް ކޮންމެ ސިޔާސީ ކަމެއްގެ ތެރެއަށް ފުޓްބޯޅަ ނުވެއްދުމަށާއި މިއީ ހުރިހާ އެންމެން ވެސް ފުޓްބޯޅަ އަށް ފޯކަސް ކުރަންވީ ވަގުތު ކަމަށެވެ. އަދި ފީފާ އިން ހުރިހާ ވިސްނުމެއްގެ މީހުންނަށް ވެސް އިހުތިރާމް ކުރާނެ ކަމަށާއި މިއީ ހުރިހާ ވިސްނުމެއްގެ މީހުންނަަށް ވެސް މަރުހަބާ ކިޔަން ލިބިފައިވާ ފުރުސަތެއް ކަމަށްވެސް އެ ސިޓީގައިވެ އެވެ.

އެ ސިޓީގައި ވަނީ ކޮންމެ ވިސްނުމެއްގެ ކޮންމެ ބަޔަކަށް ވެސް ގަތަރުން މަރުހަބާ ކިޔާނެކަން އެގައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްސާނީ ދެއްވާފައިވާ ޔަގީންކަން ވެސް ތަކުރާރުކޮށްފަ އެވެ.

ވޯލްޑް ކަޕާއި ދިމާކޮށް ގަތަރަށް 1.2 މިލިއަން މީހުން ދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މުބާރާތް ކުރިއަށް ދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ.