Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ދަގަނޑޭގެ ވެސް ގޯލާ އެކީ މެދުވަލަށް މޮޅެއް

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝީޕްގެ 6 ވަނަ މެޗުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް އަލީ ނާސިރު

ރާއްޖޭގެ މަޝްހޫރު ފޯވާޑު އަލީ އަޝްފާގު (ދަގަނޑޭ) ގެ ރީތި ގޯލަކާއި އެކު މެދުވަލު އެފްސީން ދެވަނަ މެޗު 0-3 ލަނޑުން ކާމިޔާބުކޮށްފި އެވެ.

މި މެޗު މެދުވަލު އެފްސީން ކާމިޔާބު ކުރީ، މަރަދޫ އެފްސީ އާއި ވާދަކޮށެވެ. މެޗު ކާމިޔާބު ކުރުމާ އެކު އެ ޓީމު ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ގްރޫޕުގެ އެއްވަނައިގެ ގޮތުގައި މިވަނީ ހިންދެމިލައިފަ އެވެ. މި މެޗުން ބަލިވި ނަމަވެސް މަރަދޫ އެފްސީން ފުރަތަމަ ކުރިން ކުޅުނު މެޗު ކާމިޔާބުކޮށްފައިވުމުން އެ ޓީމު އަތުގައި ތިން ޕޮއިންޓް އެބައޮތެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މެދުވަލު އެފްސީ ނުވަތަ މައިލޯ ޓީމުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. އެގޮތުން ރަނގަޅު ފުރުސަތުތަކެއް ވެސް އެޓީމުން ހޯދި އެވެ. މެޗުގެ ކުޅުން ފެށި މެދުވަލު އެފްސީ ޓީމަށް މަރަދޫ ޓީމުގެ ގޯލު ހުޅުވައި ދިނީ ޝަމްވީލް ޤާސިމް، (ބޮންޑާ) އެވެ. މެޗުގެ 6 ވަނަ މިނެޓުގައި ބޮންޑާ ޖެހި ގޯލާއި އެކު މެދުވަލު އެފްސީން ހަމަލާތައް އިތުރު ވެސް ކުރި އެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި 0-2 ގެ ނަތީޖާ އިން ކުރި ހޯދައި ހިންދެމިލި އެވެ.

މި މެޗުގައި މަރަދޫ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ތަޖުރިބާކާރު މެދުވަލު ޓީމުގެ ކުޅުންތެރިން ހިފެހެއްޓުމުގައި ކާމިޔާބީ ހޯދައިފަ އެވެ. އެގޮތުން މިހާފުގެ ބާކީ ބައިގައި އެ ޓީމުން ރަނގަޅު ފުރުސަތުތަކެއް ހޯދައި އަދި އިތުރު ލަނޑެއް ކާމިޔާބު ކޮށް ނުދީ ހިފެހެއްޓި އެވެ. މިއާއެކު ފުރަތަމަ ހާފު ނިންމާލީ 0-2 ގެ ނަތީޖާއަކުން މެދުވަލު ޓީމު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް މެދުވަލު އެފްސީން އެރީ ދަގަނޑޭއާ އެކީގަ އެވެ. މިއާއެކު މަރަދޫ ޓީމުން ވަރަށް ބޮޑަށް މެދުވަލު ޓީމުގެ ހަމާލާތަކަށް ފާރަވެރިވެ ދަގަނޑޭ ހިފެހެއްޓުމަށް މަސައްކަތް ކުރިތަން ފެނިގެން ދިޔަ އެވެ. އަދި ކައުންޓަ އެޓޭކުގައި ރަނގަޅު ބޯޅަތައް ވެސް ކުރިއަށް ދީފައިވެ އެވެ. ނަމަވެސް އެއްވެސް އެ ޓީމުގެ އެއްވެސް ހަމަލާއެއް ރަނގަޅަށް ނިންމާލެވިފައި ނުވެއެ ވެ. މި ހާފުގައި މެދުވަލު އެފްސީއަށް ތިން ވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ދަގަނޑޭ އެވެ. މަރަދޫ ޓީމުން ކުރިއަށް ފޮނުވާލު މެދުތެރެއިން މެދުވަލު ޓީމުން ހޯދައި ދަގަނޑޭ އަތަށް ފޯރުކޮށް ދިނުމާ އެކު އޭނާ ވަނީ މަރަދޫ ޓީމުގެ ތިން ކުޅުންތެރިން ކަޓުވާލައި ރީތި ގޯލެއް 71 ވަނަ މިނެޓުގައި ޖަހައިފަ އެވެ.

ދެވަނަ ހާފު ނިންމާލި ދެ ޓީމުން ކުރެ ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި އެވެ. މި މެޗު މެދުވަލު އެފްސީން ކާމިޔާބު ކުރިިއިރު، މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން އަސި ދަނޑު ވަނީ ފުރާލައިފަ އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އޭ ގެ ފަހު ފުރަތަމަ ބުރުގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލު ކުރާނީ ކްލަބް ލޮތާރި އަދި ފޭދޫ ސްޕޯޓްސް އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު ފޭދޫ ސްޕޯޓްސް ވަނީ ކާމިޔާބުކޮށްފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކުރާ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 މުބާރާތުގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.