Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ހަމަލާގެ ފަހަތުގައި ސަރުކާރުގެ އަތެއްވޭ

މިދިޔަ ބުރާސްފަތި ދުވަހު މަރާލަން ދިން ހަމަލާގެ ފަހަތުގައި ޕާކިސްތާނުގެ ސަރުކާރެއްގެ އަތެއްވާ ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެވެ.

އިމްރާނަށް ބަޑިން ހަމަލާދީފައިވަނީ ޕާކިސްތާންގެ ލާހޯރްގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. ބަޑީގެ ހަމަލާ އަމާޒުވެފައިވަނީ އިމްރާންގެ ފައިގެ އެކި ތަންތަނަށެވެ. އެގޮތުން އިމްރާންގެ ފަޔަށް ހަތަރު ވަޒަން އަރާފައިވެ އެވެ.

އިއްޔެ ހޮސްޕިޓަލުގައި ހުންނަވައިގެން ވާހަކަދައްކަމުން އިމްރާން ވިދާޅުވީ މި ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އިންޓީރިއާ މިނިސްޓަރު ރަނާ ސަނާއުއްލާގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރެއް ކަމަށެވެ. އަދި މި ތިން މީހުން މަގާމުތަކުން އިސްތިއުފާ ދިނުމަށް އިމްރާން ވަނީ ގޮވާލާފަ އެވެ.

"މި ތިން މީހުން އަހަރެން މަރާލަން އުޅުނީ." އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ މި ތުހުމަތުތައް ޕާކިސްތާން ސަރުކާރުން ދޮގުކޮށްފައިވާއިރު، ސަރުކާރުން ވަނީ ހަމަލާގެ ފަހަތުގައި ވަނީ ދީނީ ހައްދުފަހަނައެޅުން ކަމަށް ބުނެފަ އެވެ. މި ހަމަލާދިން ކަމުގެ ތުހުމަތުގައި އެކަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އިމްރާން ވިދާޅުވީ ހަމަލާ ދިނުމުގެ އެއް ދުވަސް ކުރިން މިފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިއީ ސީދާ އޭނާ މަރާލުމަށް ދިން ހަމަލާއެއް ކަމަށާއި ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. މި ހަމަލާ ދިނުމުގައި ދެ މީހަކު ބައިވެރިވެފައިވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

މީގެއިތުރުން އިމްރާން ވަނީ ޕާކިސްތާން ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރަމުންދިޔުމަށް ވެސް ގޮވާލާފަ އެވެ. އަދި ފަޔަށް ލިބުނު އަނިޔާ އިން ރަނގަޅުވީހާ އަވަހަކަށް މުޒާހަރާތަކުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ވެސް އިމްރާން ދެއްވި އެވެ.

އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން ބޮޑުވަޒީރުކަމުން ދުރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އަދި ދާދިފަހުން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިމްރާނަށް އެގައުމުގެ އާންމު އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދާފަ އެވެ.

މި ނިންމުން ނިންމާފައިވަނީ ބޮޑުވަޒީރުކަމުގެ ދައުރުގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް އިމްރާން ހިންގަވާފައިވާ ކަމަށް ބުނެ އެވެ.