ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ އައްޑު އަށް ކުރައްވާ ދަތުރާ ދިމާކޮށް، އެކަމުގެ ތައްޔާރީތަކަށް ޕީޕީއެމްގެ އިސްވެރިންތަކެއް އައްޑު އަށް ވަޑައިގެން ހަރަކާތްތައް ހިންގަން ފަށައިފި އެވެ.
އެ ޕާޓީގެ ޓީމްގައި އެންމެ އިސްކޮށް ތިއްބެވީ މާވަށު ދާއިރާގެ މަޖިލިސް މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުގެ އިތުރުން ޕާޓީގެ ނައިބް ރައީސް ޣައްސާން މައުމޫންއެވެ. އަދި މި ބޭފުޅުންނާ އެކީ ޕާޓީގެ މަޖިލީހުގެ އިތުރު ބައެއް މެމްބަރުންނާއި ޕާޓީގެ އެކިއެކި މަގާމުތަކުގައި ތިއްބެވި އިސް ފަރާތްތައް ހިމެނެ އެވެ.
ޕީޕީއެމް އިން ބުނީ ރައީސް ޔާމީން އައްޑޫއަށް ކުރައްވާ ދަތުރުގައި ރަށްތަކުގެ ކަންކަން އިންތިޒާމު ކުރުމާއި ޕާޓީގެ މެމްބަރުންނާއި ބައްދަލު ކުރުމަށް ހިންގާ ހަރަަކާތްތައް ރާވާލާފައިވަނީ އެކި ބޭފުޅުން ލީޑު ކުރައްވާ ގޮތަށް ކަމަށެވެ.
އެގޮތުން ހިތަދޫގެ ހަރަކާތްތަކުގައި އިސްކޮށް ތިއްބަވަނީ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫން އެވެ.
ފޭދޫގައި އިސްކޮށް ހަރަކާތްެރިވަނީ މެމްބަރު ހުސެއިން މުހައްމަދު ލަޠީފުއެވެ. މަރަދޫ ފޭދޫގައި ޝެރީނާ އަބްދުއް ސަމަދު އަދި ހުޅުމީދޫ ގައި އިސްކޮށް ހަރަކާތްތެރިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުއެވެ.
މި ބޭފުޅުން ޔާމީންގެ ދަތުރަށް އައްޑޫގެ އެކި އަވަށްތަކުން ވަމުން އަންނަ ތައްޔާރީތައް ބައްލަވަމުން ގެންދަވާ އިރު، އިއްޔެ ހަވީރު ޕާޓީގެ އެކިއެކި މެމްބަރުންނާ ބައްދަލުކުރުމުގެ ހަރަކާތްތައްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ބައެއް އަވަށްތަކުގައި ދޮރުންދޮރަށް ވެސް ހިނގާފައިވެ އެވެ.
ޔާމީންގެ މި ދަތުރަކީ އެ މަނިކުފާނު ތަންފީޒުކުރައްވަމުން ގެންދެވި ޖަލުން ހުކުމުން ސަލާމަތްވެވަޑައިގަތް ފަހުން އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމާއި އެ ޕާޓީގެ ކޯލިޝަން ބައިވެރިޔާ ޕީއެންސީގެ ރިޔާސީ ޓިކެޓް ވެސް ރަސްމީކޮށް ހަވާލުކޮށްފައިވާ އިރު، ޔާމީން ގެންދަވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ކުރިން ޔާމީން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ އެވެ.