Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ކޮވިޑް ޖެހި ސިރިސޭނާ ފަރުވާ ހޯދަނީ

ސްރީ ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

އޭނަގެ ޕާޓީ، ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ބުނީ ސިރިސޭނާ ބައްޔަށް ޕޮޒިޓިވުމާ ގުޅިގެން ބަލިން އެއްކޮށް ފަސޭހަވަންދެން ޕާޓީގެ ހުރިހާ ހަރަކާތްތަކަކުން ވެސް އެކަހަރިވެވަޑައިގެންފައިވާ ކަމަށެވެ. އުމުރުން މިހާރު 71 އަހަރުގެ ސިރިސޭނާ ލަންކާގެ ރައީސްކަން ކުރެއްވީ 2015-2019 އަށެވެ. އޭނަ އަކީ އެ ގައުމުގެ ހަތް ވަނަ ރައީސެވެ.

ރައީސްގެ މަގާމު އަދާކުރެއްވުމުގެ ކުރިން ވެސް ސިޔާސީ އިސް މަގާމުތަކެއް ސިރިސޭނާ ފުރުއްވާފައިވެ އެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރުކަމާއި ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަމަންޓް މިނިސްޓަރުކަން ހިމެނެ އެވެ.