Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ޓްވިޓާގެ މުވައްޒަފުން ވަކިކުރާތީ ދައުވާކޮށްފި

ޓްވިޓާ އިން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކުރަން ކުރަން ނިންމުމާ ގުޅިގެން އޭގެ އާ ވެރިޔާ އީލޮން މަސްކަށް މުވައްޒަފުންތަކެއް ދައުވާކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމިކަން އަންގައި މިދިޔަ ބުރާސްފަތި ދުވަހު މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯއާ ގުޅިގެން އީލޮން އަށް ދައުވާކުރި މީހުންގެ ތެރޭގައި ކުންފުނީގައި މިހާރު ވެސް މަސައްކަތްކުރާ މުވައްޒަފުންތަކެއްގެ އިތުރުން މިދިޔަ ހަފުތާގައި ވަކިކުރި އިސް މުވައްޒަފުންތަކެއް ވެސް ހިމެނެ އެވެ.

މި މައްސަލަ ސެން ފްރަންސިސްކޯގެ ފެޑެރެލް ކޯޓަށް ހުށަހެޅީ ވެސް ބުރާސްފަތި ދުވަހު އެވެ.

އެ މީހުން ޓްވިޓާއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ވަޒީފާ އިން ވަކިކުރާނެ ކަމުގެ ނޯޓިސް ދިނީ އެކަށީގެންވާ ވަގުތު ނުދީ ކަމަށާއި މުވައްޒަފުންތަކެއް ވަކިކުރާ ނަމަ ދުރާލައި އެކަމަށް 60 ދުވަހުގެ މުހުލަތެއް ދޭން ޖެހޭ ކަމަށް ޔޫއެސް ވޯކާ އެޖަސްޓްމަންޓް އެންޑް ރީޓެއިނިން ނޮޓިފިކޭޝަން ވޯން) ގައި ބުނާ ކަމަށެވެ. އެހެންވެ މުވައްޒަފުންނަށް އިތުރު ގޮތެއް ހޯދާނެ ވަގުތު ނުދީ ވަކިކުރަން ނޯޓިސް ދީފައިވާތީ، މުވައްޒަފުން ވަކިކުރަން ނިންމި ނިންމުން ހުއްޓުވައި ދިނުމުގެ އަމުރަކަށް އެދިފައިވެ އެވެ.

އަށްހާހެއްހާ މުވައްޒަފުން ތިބި ޓްވިޓާގެ މުވައްޒަފުންގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރަން ވަނީ ނިންމައިފަ އެވެ. މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނެފައި ވަނީ މިއީ ފަސޭހަ ނިންމުމަކަށް ނުވިޔަސް، ކާމިޔާބުކަމާ އެކީ ކުންފުނި ހިންގުމަށްޓަކައި ކޮންމެހެން ކުރަން ކެޖެހޭ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން އީލޮން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުވައްޒަފުން މަދުކުރުން ނޫން ގޮތެއް ނެތް ކަމަށާއި މިހާރު ވެސް ކުންފުންޏަށް ދުވާލަކަށް 4 މިލިއަނަށް ވުރެ ޑޮލަރުގެ ގެއްލުންވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުން ވަކިކުރާނީ ތިން މަހުގެ މުހުލަތަކަށް ފަހު އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޓްވިޓާ ބައްލަވައިގަތީ މިދިޔަ މިދިޔަ މަހުގެ 27 ގަ އެވެ. އެއީ 44 ބިލިއަން ޑޮލަރަށެވެ. ޓްވިޓާ ބައްލަވައިގަތުމަށް ގަހު އީލޮން އެކި ކަހަލަ ބަދަލުތައް ގެންނެވުމުގެ މަސައްކަތް ފެއްޓެވުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

އީލޮން އަކީ ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެސް ވެރިޔާ އެވެ.