ކޮޕް ސަމިޓަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ހިއްސާކުރަން ލިބޭ މުހިންމު ފުުރުސަތެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބު ރައިސް ފައިސަލް ނަސީމް ވަނީ މިސްރުގެ ޝަރްމުއްޝައިޚަށް މިއަދު ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ނައިބުރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ނައިބު ރައިސްގެ މިދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން ބުނެފައިވަނީ، ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމައުއާ ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެއް ކަމަށެވެ. މި ކޮންފަރެންސްގައި، ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
ކޮންފަރެންސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު 6 ވާ އާދީއްތަ ދުވަހު ޝަރްމުއްޝެއިޚް އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.