ފޭދޫ ސްޕޯޓްސް އަތުން ބަލިވެ ކްލަބް ލޮތާރި އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2022 މުބާރާތުގައި އަމިއްލަ ބާރުގައި ކުރިއަށް ދިއުމުގެ ދޮރު ބަންދުވެއްޖެ އެވެ.
މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގެ މިއަދު ހަވީރު ކުޅުނު މެޗު ފޭދޫ ސްޕޯޓްސްއިން ކާމިޔާބު ކުރީ، 0-4 ގެ ނަތީޖާއިންނެވެ. މިއާ އެކު ފޭދޫ ވަނީ 9 ޕޮއިންޓާއި އެކީ ގްރޫޕުގެ އެއްވަނަ ވަނީ ހޯދާފައެވެ. އަދި ކްލަބް ލޮތާރި ކުޅުނު ހުރިހާ މެޗަކުން ބަލިވުމުން ބާކީ އެއް މެޗު އޮވެ މުބާރާތުން ކަޓާފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ފޭދޫ ސްޕޯޓްސްއިން ރަނގަޅު ކުޅުމެއް ވަނީ ދައްކާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ފޭދޫ ޓީމުގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަލީ ލިރުޢާމްއެވެ. މިހާފުގައި ލޮތާރި ޓީމަށް ގޯލުޖަހަން ރަނގަޅު ފުރުސަތުތަކެއް ފަހިވިނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ. ނަމަވެސް ފޭދޫ ޓީމުގެ ހަމަލަތައް ހިފެހެއްޓުމުގައި އެ ޓީމުން ކާމިޔާބީތަކެއް މިހާފުގައި ވަނީ ހޯދާފައެވެ. މިހާފު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި 0-1 ގެ ނަތީޖާއިން ފޭދޫ ކުރީގައި އޮވެގެންނެވެ.
މިމެޗުގެ ދެވަނަ ހާފުގައި ފޭދޫ ޓީމުން އިތުރު ލަނޑުތަކެއް ފެނިގެން ދިޔައެވެ. ޒުވާން ކުޅުންތެރިން ތަކަކާއި އެކު ކުޅެމުން ދިޔަ ލޮތާރި ޓީމަށް މިހާފުގައިވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި އެންމެ އެކަށީގެންވާ ގޮތަށް ވަނީ ނިންމާ ނުލެވިފައެވެ. ފޭދޫ ޓީމަށް މިހާފުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ 53 ވަނަ މިނެޓުގައި ވިޝާން ހަބީބުއެވެ.
އޭގެ ފަހުން އެ ޓީމުގެ އަހުމަދު ބަލްސަމް ވަނީ ދެ ގޯލު ކާމިޔާބު ކޮށްދީފައެވެ. އެގޮތުން 76 ވަނަ މިނެޓުގައި ޖެހި ގޯލު ފަސޭހަކަމާއި އެކު ވަދެގެން ދިޔައިރު، 84 ވަނަ މިނެޓުގައި އޭނާ ވަނީ ފޭދޫ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައި ޓީމުގެ މޮޅު ކަށަވަރު ކޮށްދީފައެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-4 ގެ ނަތީޖާއިން ފޭދޫ ޓީމު ކުރީގައި އޮވެގެންނެވެ.
މި ގްރޫޕުގައި ފޭދޫ ޓީމު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއި އެކު އެއްވަނައިގައި އޮތް އިރު، ބޭރުމަތި ޓީމު މިހާތަނަށް ދެ މެޗު ކުޅެ އެއް މެޗުން މޮޅުވެފައެވެ. ކްލަބް ލޮތާރި މިހާތަނަށް ތިން މެޗު ކުޅެ ތިން މެޗުން ވެސް ބަލިވުމާއެކު އެ ޓީމަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު މިވަނީ އެއްކޮށްހެން ގެއްލިފައެވެ. އެޓީމަށް ދެން ކުރިއަށް ދެވޭނީ ބޭރުމަތި އަތުން ބޮޑު ތަފާތަކުން މޮޅުވެ، ބޭރުމަތި ފޭދޫ ސްޕޯޓްސް ބަލިކޮށްގެންނެވެ.

މިމެޗުގެ މޭން އޮފް ދަ މެޗް ހޯދާފައިވަނީ ފޭދޫ ސްޕޯޓްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އަލީ ލިރުޢާމްއެވެ.
މިމުބާރާތުގައި މާދަމާވެސް މެޗެއް ކުޅޭނެއެވެ. މިމެޗުގައި ބައްދަލު ކުރާނީ ފޭދޫގެ ޒުވާން ޓީމު ފާހި ސްޕޯޓްސް ކަލްބް އަދި މަރަދޫ ފޭދޫގެ އެފްސީ އަފިރިން ޓީމެވެ. މި ދެ ޓީމަކީ އެ ގްރޫޕުގެ ފުލުގައި އޮތް ދެ ޓީމެވެ. މިމެޗު ފަށާނީ މާދަމާ 4:00 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ.