ބޯކޮށައި ދީގެން ދެކުނުގެ އެފްރިކާގެ ޒުވާނަކު ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
ޖޮހަނަސްބާގަށް ނިސްބަތްވާ 23 އަހަރުގެ އެންރިކޯ ސްޕްރިންގްފީލްޑް ދުނިޔޭގެ ރެކޯޑް ފޮތަށް އެރީ އެންމެ އަވަހަށް ފަސް މީހެއްގެ ބޯ ސްކިން ފޭޑް ހެއާކަޓްގެ ގޮތުގައި ކޮށައިގެންނެވެ. މިއީ ބޮލުގެ މަތީ ބަޔަށް ވުރެ، ތިރި ވަރަށް ތުނިކޮށްފައި ފޭޑް ސްޓައިލަަކަށް ކޮށާ ކޮށުމެކެވެ. ފަސް މީހެއްގެ ބޯ މި ސްޓައިލަށް އެންރިކޯ ކޮށީ 18 މިނިޓާއި 57 ސިކުންތުގެ ތެރޭގަ އެވެ. މިއާ އެކު އޭނާ ވެފައި ވަނީ މިގޮތަށް ބޯކޮށައި ދީގެން ރެކޯޑް ލިބުނު ފުރަތަމަ މީހާއަށެވެ.
Ever needed a haircut in a rush? 💇♂️https://t.co/pJgGsfKc5N
— Guinness World Records (@GWR) November 2, 2022
ފަސް މީހެއްގެ ބޯ 18 މިނިޓާއި 57 ސިކުންތުގެ ތެރޭގައި ސްކިން ފޭޑްކޮށް ކޮށާލި އިރު، ކޮންމެ މީހެއްގެ ބޯ ނިންމަން އެންރިކޯ ހޭދަކުރީ އެވްރެޖްކޮށް ހަތަރު ވަރަކަށް މިނެޓެވެ.
އޭނާ ކިޔައިދިން ގޮތުގައި ބޯކޮށުމުގެ މަސައްކަތް ފެށުނީ 13 އަހަރުގަ އެވެ. އަދި އެކަމަށް އޮތް ލޯތްބާ އެކީ އަމިއްލަ ބޯކޮށާ ތަނެއް ހަދައިގެން އެތަނުގައި މަސައްކަތްކުރަން ފެށި އެވެ. އޭގެ ފަހުން ހުއްޓުމެއް ނެތި ކުރެވުނު މަސައްކަތާ އެކީ ޒުވާން އުމުރުގައި މިހާރު އެންރިކޯ އަކީ ޖޮހަނަސްބާގްގައި ޕްރޮފެޝަނަލް ބޯކޮށާ މީހެކެވެ.
"އަހަަންނަށް ލިބުނު ރެކޯޑުން ކަށަވަރުވެއްޖެ ލޯތްބާ އެކީ ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމެއް ކާމިޔާބުވެދާނެކަން،" އޭނާ ބުންޏެވެ. "މީގައި މުހިއްމު ކަމަކީ ފަސްޖެހުމެއް ނެތި ކުރިއަށް ދިއުން."
އެންރިކޯ އަކީ ބޯކޮށުމާ ބެހޭ ހުނަރު ދަސްކޮށްދޭން އަމިއްލަ ޔޫޓިއުބް ޗެނަލެއް ވެސް ހިންގަމުންނެވެ. އޭގައި މި ހުނަރު ދަސްކުރަން ބޭނުންވާ މީހުންނަށް އެހީއަކަށްވާނެ އެތައް ޓިއުޓޯރިއަލް އެބަހުއްޓެވެ.