Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ޗިލްވެލް އަށް ވެސް ވޯލްޑް ކަޕް ގެއްލިއްޖެ

އަނިޔާގެ ސަބަބުން ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ފުލްބެކް ބެން ޗިލްޗެލް އަށް ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ޗިލްވެލްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެރޭ ޑައިނަމޯ ޒެެގްރެބް އަތުން 2-1 އިން ޗެލްސީ މޮޅުވި މެޗުގަ އެވެ. މި އަނިޔާ ޗިލްވެލް އަށް ލިބިފައިވަނީ މެޗުގެ ފަހު ވަގުތުކޮޅުތެރޭގަ އެވެ. އަނިޔާއާ ގުޅިގެން ޗިލްވެލް ދަނޑުން ފޭބީ ޗެލްސީގެ މެޑިކަލް ޓީމުގެ އެހީތެރިކަމާއެކު އެވެ.

ޗެލްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަނިޔާއާ ގުޅިގެން ހެދި ސްކޭނުން ޗިލްވެލްގެ ފައިގެ ފަލަމަސްގަނޑަށް ބޮޑު އަނިޔާއެއް ވެފައިވާކަން ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާ އަށް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ޗެލްސީން ބުނެ އެވެ.

ޗިލްވެލް އަކީ އިންގްލޭންޑްގެ ގައުމީ ޓީމަށް 17 މެޗު ކުޅެދީފައިވާ ކުޅުންތެރިއެކެވެ.

ޗިލްވެލްގެ އިތުރުން ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ޒުވާން ޑިފެންޑަރު ރީސް ޖޭމްސް ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. ޖޭމްސް އަށް ވެސް ވޯލްޑް ކަޕްގައި ކުޅުމުގެ އޮތީ ވަރަށް ކުޑަ ފުރުސަތެކެވެ.

މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިންގްލޭންޑް ނިކުންނާނީ އިރާންއާ ދެކޮޅަށެވެ.