ޕްރިމިއާ ލީގުގައި މިރޭ ފަހު ވަގުތު އާލިންގް ހާލަންޑް ޖެހި ގޯލުން 2-1 އިން މެންޗެސްޓާ ސިޓީން ފުލަމް އަތުން މޮޅުވެއްޖެ އެވެ.
މި މޮޅާއެކު ކުޅުނު 13 މެޗުން ލިބުނު 32 ޕޮއިންޓާ އެކު ލީގުގެ އެއްވަނަ އަށް ސިޓީ މިހާރު ވަނީ އަރާފަ އެވެ. ދެވަނައިގައި 12 މެޗުން ލިބުނު 31 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ނަމަވެސް މާދަމާ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އާސެނަލަށް އަލުން އެއްވަނަ ލިބޭނެ އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި ގުންޑޮގާން ދިން ޕާހަކުން ޖޫލިއަން އަލްވަރޭޒް ވަނީ ސިޓީ އަށް ލީޑު ނަގާދީފަ އެވެ. އަލްވަރޭޒް މި ގޯލް ކާމިޔާބުކުރީ ފުލަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މި ގޯލަށްފަހު ސިޓީން މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދަނިކޮށް މެޗުގެ 28 ވަނަ މިނެޓްގައި ފުލަމް އަށް ލިބުނު ޕެނަލްޓީއަކުން އަންދްރޭސް ޕެރެއިރާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ފުލަމް އަށް މި ޕެނަލްޓީ ލިބުނީ އެޓީމުގެ ހެރީ ވިލްސަން އަށް ސިޓީގެ ޑިފެންޑަރު ކަންސެލޯ ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ ގުޅިގެން ރެފްރީ ވަނީ ކަންސެލޯ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގައި ސިޓީން ދިޔައީ ފުލަމްގެ ޑިފެންސް ފޫއަޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފުލަމްގެ ކުޅުންތެރިއަކު ސިޓީގެ ކެވިން ޑި ބްރޭނާ އަށް ފަހު ވަގުތުކޮޅުތެރޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ ސިޓީ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އިތުބާރު ފޯވާޑް ހާލަންޑް އެވެ. މިއީ އަނިޔާ އަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗުވެސް މެ އެވެ.
ހާލަންޑް ވަނީ މި ސީޒަނުގައި ކުޅުނު 17 މެޗުގައި ޖުމްލަ 23 ގޯލް ކާމިޔާބުކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ލީގުގެ 10 ވަނައިގައި އޮތް ބްރެންޓްފޯޑާ އެވެ. ފުލަމް ނިކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.