Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަނަކަށް ފެނަކަ

ރައީސް ސޯލިހު ޗެމްޕިއަންކަން ހޯދި ފެނަކައާ ތަށި ހަވާލުކޮށްދެނީ - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ފެނަކަ އިން މިރޭ ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ އިން ހޯދީ މިރޭ ކުޅުނު ފައިނަލްގައި އެމްޕީއެލްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މިއީ މި މުބާރާތް ފެނަކަ އިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ފެނަކަ އިން ކާމިޔާބުކުރި ދެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމް އާއި ހުސެއިން ޝަރީފް (އޮންލީ) އެވެ. އޮންލީ ވަނީ 13 ގޯލާއެކު މި މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއާގެ މަގާމު ހޯދާފަ އެވެ. އެމްޕީއެލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އަލީ ޝަމާލް އަބްދުﷲ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފެނަކަ ޓީމަށް ތަށި ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފެނަކަ އިން ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކްލަބުންނެވެ. ކްލަބް މޯލްޑިވްސް ކަޕްގައި 31 ޓީމުން ވަނީ ބައިވެރިވެފަ އެވެ.

ކްލަބް މޯލްޑިވްސް ކަޕް ފެށުނީއްސުރެ ކްލަބް މޯލްޑިވްސް އިން އަންނަނީ އިޖުތިމާޢީ މައްސަލަތަކަށް އަހުލުވެރިކޮށް، ރައްޔިތުން ހޭލުންތެރިކުރުވުމަށް އަމިއްލަ ފަރުދުންނާއި މުއައްސަސާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ކްލަބް މޯލްޑިވްސް އިން ޕްރޮމޯޓްކޮށްފައިވަނީ ބްލައިންޑް އެސޯސިއޭޝަނެވެ.

މީގެ އިތުރުން ކްލަބް މޯލްޑިވްސް އިން މި އަހަރު މުޅިން އަލަށް 'އެކޮއި' ޓެބެއް ވަނީ ކްލަބް މޯލްޑިވްސް ވެބްސައިޓްގައި ހިމަނާފަ އެވެ. 'އެކޮއި' ގައި ހިމެނެނީ ކްލަބް މޯލްޑިވްސް ކަޕް 2022ގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންގެ މަޢުލޫމާތުތަކެވެ.