Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

އާރޮން ކާޓާ މަރުވެއްޖެ

އެމެރިކާގެ މިއުޒިޝަނެއް ކަމަށްވާ އާރޮން ކާޓާ މަރުވެއްޖެ އެވެ.

އާރޮން ،34، މަރުވެފައި އޮއްވާ ފެނިފައިވަނީ ކެލިފޯނިއާގައި އޭނާ ދިރިއުޅޭ ގޭގެ ބާތް ޓަބްގެ ތެރޭގައި އޮއްވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އޭނާ މަރުވި ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އާރޮން އަކީ އެމެރިކާގެ މަޝްހޫރު ބޭންޑް "ބެކްސްޓްރީޓް ބޯއިޒް" ގެ މެމްބަރު ނިކް ކާޓާ، ގެ ކޮއްކޮ އެވެ.

އާރޮން އަކީ ރާއްޖޭގެ ކުރެހުންތެރިއެއް ކަމަށްވާ އަލީ ޝިމްހާގްގެ ޑިޖިޓަލް ކުރެހުމެއް ވަގަށް ނަގައި ބޭނުންކުރި މައްސަލާގައި ދިވެހިންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ފަރާތެކެވެ.

ސިންގާއެއްގެ މޫނު ސިފަކޮށްދޭ ގޮތަށް ޝިމްހާގް އޭނަގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި ކުރެހުން އާރޮން ވަގަށް ނަގައި، އޭނަގެ އެކިއެކި ޕްލެޓްފޯމްތަކުގައި އެ ބޭނުންކޮށްފައިވެ އެވެ.

އާރޮން އަށް ކުރި ދައުވާ ޝިމްހާގަށް ކާމިޔާބުވެ، އޭނަގެ ފިކުރީ މުދަލަކަށް އަރައިގަތް މައްސަލަ އާރޮންގެ މައްޗަށް ސާބިތުވުމުން ޝިމްހާގަށް ވަނީ ބަދަލެއްގެ ގޮތުގައި ފައިސާ ވެސް ލިބިފަ އެވެ. އަދި ގެއްލުމުގެ ބަދަލަށް ލިބުނު ފައިސާގެ އިތުރުން އާރޮންގެ އަތުން ވަނީ ޝިމްހާގުގެ ވަކީލުންގެ ފީ ވެސް ނަގައި ދީފަ އެވެ.

އާރޮންގެ މައްޗަށް ޝިމްހާގް ކުރި ދައުވާ އަކީ ރާއްޖޭން ބޭރުގެ ކޯޓެއްގައި ކުރި މިފަދަ ދައުވާއެއް ކާމިޔާބުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.