ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އައްޑު އަށް ވަޑައިގަންނަވާތީ ވީހާ ވެސް ގިނަ ބަޔަކު މަރުހަބާ ކިޔަން ގަން އެއާޕޯޓަށް ދިއުމަށް ޕީޕީއެމުން އެދިއްޖެ އެވެ.
އެ ޕާޓީން ބުނީ ޔާމީން އައްޑު އަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މެންދުރު 12:45 ގައި ކަމަށެވެ. އެ މަނިކުފާނަށް ހޫނު މަރުހަބާއެެއް ކިޔަން ޕީޕީއެމްގެ އައްޑޫގެ މެމްބަރުން ތައްޔާރުވަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެ އެވެ. އަދި ޔާމީންގެ ދަތުރާ ދިމާކޮށް ޕާޓީގެ އިސް ބޭފުޅުންތަކެއް މިދިޔަ ބުރާސްފަތި އައްޑު އަށް ވަޑައިގެން އެކިއެކި ތައްޔާރީތައްވަމުން ގޮސްފައިވެ އެވެ.
ޔާމީން އައްޑު އަށް ވަޑައިގަންނަވާތީ އައްޑޫގެ ވަރަށް ގިނަ އަވަށްތަކުގެ ބޮޑެތި މަގުތަކުގައި ޕީޕީއެމްގެ ދިދަ ވެސް ހަރުކޮށްފައިވެ އެވެ.
ރައީސް ޔާމީނަށް މަރުޙަބާ ދެންނެވުމަށް ވަޑައިގެންނެވުމުގެ ދަޢުވަތު. pic.twitter.com/8YdWndZAf4
— Progressive Party of Maldives (@ProgressPartyMV) November 5, 2022
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރުމަށްޓަކައި ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފައިވާ ޔާމީން އައްޑު އަށް ކުރައްވާ ދަތުރަކީ މިއަދުން ފެށިގެން މި މަހުގެ 9 އާ ހަމައަށް ކުރައްވާ ކެމްޕޭން ދަތުރެކެވެ. މި ދަތުރުގެ ތެރޭގައި ހުރިހާ އަވަށަކަށް ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވާނެ އެވެ. އަދި ހާއްސަ ޖަލްސާއެއް ވެސް އައްޑޫގައި ބާއްވަން ހަމަޖެހިފައިވެ އެވެ.
ޔާމީން އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގަ އެވެ. އަދި މިއީ އެ މަނިކުފާނު ތަންފީޒުކުރައްވަމުން ގެންދެވި ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތް ފަހުން އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރު ވެސް މެ އެވެ.
ރާއްޖޭގެ އެކި އަތޮޅުތަކަށް ވަޑައިގެން ޔާމީން ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، ޕީޕީއެމުން ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ކުރިން ޔާމީން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.