Last Updated: April 30, 22:02
Tuesday, April 30, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (63)

(އެޕްރީލް 18، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އޮގަސްޓް 12-13 ގެ ބޮޑު މުޒާހަރާ

އޮގަސްޓް 12، 2004 ވީ ބުރާސްފަތި ދުވަހުގެ ރޭ އެތައް ސަތޭކަ ބަޔަކު ބަނޑޭރިގެ (ސިފައިންގެ މައި މަރުކަޒު) ދޮަށަށް އެއްވެ ނުރުހުން ފާޅުކޮށް، އިހުތިޖާޖު ކުރަމުން ދިޔަ އެވެ. މި ބޮޑު އެއްވުމުގައި އަޑު އުފުލަމުން ދިޔައީ ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ބޭއްވުނު އެއްވުންތަކާއި ފާޑުކިއުންތަކުގައި މަސްލަހަތަށް ކަމަށް ވިދާޅުވެ، ފުލުހުން ހައްޔަރު ކުރި އެތައް ބައެއްގެ މައްސަލަ އާ މެދު ނުރުހުން ފާޅު ކުރުމެވެ.

ޖެހިގެން އައި ހުކުރު ދުވަހުގެ މެންދުރު ފަހާ ހަމައަށް މި އެއްވުން ދެމި އޮތެވެ. މި އެއްވުމުގެ ބައިވެރިން ސަރުކާރަށް ފާޑު ކިޔަމުން ދިޔަ އަޑުފަތްގަނޑުން މުޅި ބާޒާރުމަތީ އޮތީ ގުގުމާލައިފަ އެވެ. ސަފުތައް ރޫޅާލައި، ސުލްހަވެރިވުމަށް ސިފައިން ތަކުރާރުކޮށް ނަސޭހަތްތެރިވަމުން ދިޔަ އެވެ.
މި ހާޖާނުގެ ތެރޭގައި ސިފައިންގެ ދެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި އެވެ. ސިފައިންގެ މައި މަރުކަޒަށް ގާ އުކައި، އެ މަރުކަޒުގެ އިރަށް އެތަނާ އިންވެގެން ހުރި ހުރަވީ ބިލްޑިންގުގެ ދޮރުފަތެއްގައި ރޯކޮށްލި އެވެ.

ހުކުރު ދުވަހުގެ އަސުރު ނަމާދަށް ބަންގި ގޮވުމާ ކައިރިވެގެން އައި ވަގުތަކީ މި މައިދާނުން މީހުން އެންމެ މަދުވެލި ވަގުތެވެ. ސިފައިން ހަތިޔާރާ އެކު ކުއްލިއަކަށް ނިކުމެ ކަރުނަ ގޭސް ޖަހައި މިރުސް ދުން ބުރުވާ މަގުރުން ތަޅައިގެން އެއްވެ ތިބި މީހުން ފައްސާލި އެވެ.
އަދި ވަރަށް ހުތުރު ބަހުން ގޮވައި، އާންމުން ފަހައި ސިފައިން މުޅި ބާޒާރުގައި ދުވަމުން ދިޔަ އެވެ. އަދި އެ ވަގުތު އަތު ޖެހުނުހާ ބަޔަކުނ އިދިފުށަށް ބިޑި އަޅުވައި، ކަނު ބަނދެގެން ސިފައިންގެ މަރުކަޒަށް ޖަމާ ކުރަމުން ދިޔަ އެވެ.

ސިފައިންގެ ހުތުރު ބަހުގެ ހަމަލާތައް އެންމެ ބޮޑަށް ރައްދުވަމުން ދިޔައީ "ތުނބުޅި މީހުން" ނަށެވެ. އަސަރު ނަމާދަށް ބަންގި ގޮވުމާ އެކު އަޅުގަނޑު ދިޔައީ އިސްލާމީ މަރުކަޒަށެވެ.

އިމާމް ގަމަށް ގޮވަންދެން އަޅުގަނޑު ހުރީ މިސްކިތުގެ ހުޅަނދު ފަރާތު ބެލްކަނީގަ އެވެ. ކުރިމަތިން އޮތް އަމީރްއަހުމަދު މަގާއި ޖުމްހޫރީ މައިދާނުގައި ސިފައިން އަރާފައި ތިބި ވަރު ބަލާށެވެ. އިސްލާމީ މަރުކަޒުގެ ހުޅަނދު ފަރާތު ދޮރާށްޓާ ދިމާގައި މަގުމަތީގައި ތިބި ސިފައިންގެ ބައިގަނޑަކުން ކުއްލިއަކަށް އަޅުގަނޑާ އެކު ބެލްކަނީގައި ތިބި މީހުންނަށް އިޝާރާތްކޮށް ގޮވާލި އެވެ. "އޭ ތިހިރަ ތުނބުޅި ކަލޭގެ ކަލޭ ހަމަ މިހާރު އަންނަންވީ!" އެންމެން ހައިރާންވެގެން އެކަކު އަނެކަކަށް ބަލައި ހެދި އެވެ. އެތާ ތުނބުޅި ލާފައ ހުރި ދެވަންފުރައިގެ މީހަކު މޭގައި އަތް ޖައްސާލާފައި ތިމަންނާހޭ އެހި އެވެ. "އާނއެކޭ! ތިޅާ ހަމަ މިހާރު ފައިބައިގެން އަންނަންވީ!" އޭ ގޮވަމުން އޭނާ ފައިބައިގެން ދޮރާށްޓާ ދިމާއަށް ދިމާއަށް ދިޔަ އެވެ. ނަމަވެސް އެދޮށީ ހުރީ ބަންދުކޮށްފަ އެވެ.
އެހެންކަމުން އޭނާ މަޑު ޖެހިލުމުން ފާރުމަތިން އެރުމަށް އަމުރު ކުރި އެވެ. ވަރަށް ހާލުން ފާރުމަތިން މަގަށް ފޭބުނު އިރު ފައިވާން ވެސް ބޭލި ފަޔާ ވަކިވެއްޖެ އެވެ.
ދެ އަތް ފުރަގަހަށް ލައި ކަނު ބަނދެގެން ދަމައި ކޫއްތާފައި ކަހަލަ ގޮތަކަށް އޭނާ ސިފައިންގެ މަރުކަޒަށް ގެންދިޔައީ އެންމެންގެ ކުރިމަތީގަ އެވެ. އެއީ އިސްލާމީ މަރުކަޒަށް ނަމާދަށް ދާތީ އަޅުގަނޑު ދެކޭ އަޅުވެރިއެކެވެ.

އެ ދުވަސްކޮޅުގެ ތެރޭގައި ރައްކަލަކަށް ވަރަށް ގިނަ ބަޔަކު ތުނބުޅި ބާލައި ޖަމާއަތުގައި ނަމާދު ކުރުން ދޫކޮށްލައިގެން އުޅުނު ކަމަށްވެ އެވެ.

ހަމަ އެ ދުވަހު ސިފައިންގެ ރޭޑެއްގައި މާލެތެރެ އަތްފުނާ އަޅައިގެން ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުހިއްމު ސިޔާސީ ބޭފުޅުންނާއި މުޒާހަރާތަކާއި އެއްވުންތަކުގައި އިސްކޮށް އުޅެފައިވާ އެކްޓިވިސްޓުން ހައްޔަރު ކުރަމުން ދިޔަ އެވެ. ހައްޔަރު ކުރި ފަރާތްތަކުގެ ތެރޭގައި ކުރީގެ އެޓާނީ ޖެނެރަލް އާއި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރަކު ވެ އެވެ. އަދި ކޮންމެވެސް ގޮތަކުން ބްލެކްލިސްޓް ކުރެވިފައިވާ ކަމަށް ފާހަގަ ކުރެވޭ ކަހަލަ ގޮތަކަަށް ދީނީ އިލްމުވެރިންނާއި ބޮޑެތި ވިޔަފާވެރިންނާއި އިސްލާމީ މަރުކަޒަށް އެ ދުވަހު އަސްރު ނަމާދަށް ދިޔަ އަޅުވެރިން ވެސް ދަމާ ހަލައިގެން ގެންގޮސް ބަންދު ކުރަމުން ދިޔަ ތަން ފެނުނެވެ. ވަރަށް އިހާނެތި ގޮތަކަށެވެ. މި އެންމެ ބޭފުޅުންނާއި ބޭކަލުން ޖަލު ބަަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރައްވަމުން ގެންދެވި އެވެ.

ހަމަ މިއަދު 3:30 އިން ފެށިގެން މާލެ އާއި މާލެ ކައިރީގައިވާ ރަށްރަށް ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިއުލާން ކުރެއްްވި އެވެ. އަސި ސިފައިންގެ މަރުކަޒުގެ ކުރިމަތީގައި މިއަދު ހިނގައި ދިޔައީ ބަޢާވާތެއް ކަމަށް ވެސް ކަނޑައެޅުއްވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތު ދެ ދުވަސް ވެންދެން ދެމި އޮތެވެ. (ނުނިމޭ)