ކުރިން މިއަދު ބާއްވާ ގޮތަށް ނިންމި އައްޑޫ ސިޓީ ކައުންސިލްގެ ޓޫރިޒަމް ސެމިނާ އަންނަ ބުރާސްފައްޗަށް ފަސްކޮށްފި އެވެ.
ކައުންސިލުން ބުނީ ސެމިނާ ފަސްކޮށްފައިވާތީ ބުރާސްފަތީގައި އެ އޮންނާނެ ގަޑިއެއް ފަހުން ހަމަޖައްސާނެ ކަމަށެވެ. މި ސެމިނާ ބާއްވަން ހަމަޖެހިފައި ވަނީ ގަމުގައި ހިންގާ އީކްއޭޓަ ވިލެޖްގެ ބްލޫ ލެގޫންގަ އެވެ.
ކައުންސިލުން ބުނި ގޮތުގައި މި ޓޫރިޒަމް ސެމިނާގެ ބޭނުމަކީ އައްޑޫގެ ޓޫޒިޒަމް ދާއިރާގައި މަސައްކަތްކުރާ ސްޓޭކްހޯލްޑަރުން އެއްތަނަކަށް ޖަމާވެ، އައްޑޫގެ ޓޫރިޒަމްގެ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށް އެ ދާއިރާ އިން ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދަން މަސައްކަތްކުރުމެވެ.
ކައުންސިލުން ބާއްވަން ނިންމާފައިވާ އިރު، އައްޑޫގައި ލޯކަލް ޓޫރިޒަމް ކުރިއަރުވައި އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އަށް އިތުރުކުރަން ނިންމާފައި އޮތް ނަމަވެސް އެކަމާ ގުޅުން ހުރި މަސައްކަތްތަކެއް ކުރިއަކަށް ނުދެ އެވެ. އެގޮތުން ކައުންސިލުން އައްޑޫގައި ފަސް ޓޫރިޒަމް ޒޯން ކަނޑައަޅައި އެތަންތަނުން ގިނަ ބިންތަކެއް ދޫކޮށްފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ތަނެއްގައި މިހާތަނަށް ޓޫރިސްޓް ފެސިލިޓީއެއް ހެދިފައެއް ނެތެވެ.
އަނެއްކޮޅުން އައްޑޫގެ ރިސޯޓްތަކުގެ ތެރެއިން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނެނު ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ ވެސް ބަންދުކުރި ފަހުން، އެތަނުގެ މައްސަލަ ކޮޅެއްގައި ނުޖެހި ދިގުލައިގެންދާތާ ތިން އަހަރު ވަނީ އެވެ.