Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ނަޝީދުގެ ކޮޕް27 ދަތުރަށް މަޖިލީހަކުން ހަރަދެއް ނުކުރޭ

އަވައްޓެރި ސްރީ ލަންކާގެ ކްލައިމެޓް އެޑްވައިޒަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމު ތަމްސީލުރައްވަން ބައިވެރިވެވަޑައިގަންނަވާ އިރު، އެ ދަތުރަށް މަޖިލީހުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

މިއަދު މިސްރުގެ ޝަރުމުއްޝައިހުގައި ފަށާ ތިމާވެއްޓާ ބެހޭ ދުނިޔޭގެ އެންމެ ބޮޑު ސަމިޓަށް ނަޝީދު ފުރާވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ނަޝީދު މިސްތަށް ކުރައްވާ ރަސްމީ ދަތުރަކީ ކޮޕް27ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރެއް ކަމަށާއި އެ ދަތުރުގެ ތެރެއިން މި މަހުގެ 8 ވަނަ ދުވަހު މިސްރުގައި ބާއްވާ ކްލައިމެޓް ފްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓް: ޕޭވިން ދަ ލޭ ފްރޮމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ގައުމީ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލަން ހަމަޖެހިފައިވާ އިރު، މި ބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން އިންތިޒާމު ކުރާ ބައްދަލުވުމެކެވެ. މިސްރަށް ކުރައްވާ ދަތުރުގައި ސީވީއެފް އާއި ވީ20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާ ވެސް ނަޝީދު ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުން ބުންޏެވެ.

ނަމަވެސް ނަޝީދުގެ މި ދަތުރާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. އެގޮތުން ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީހުގެ ރައީސް ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންވަގައިގެން އެހެން ގައުމެއްގެ ވަފުދުގައި އެ ގައުމު ތަމްސީލުކުރަން ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެކަމަށް ފާޑު ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅިގެން މަޖިލީހުން ބުނެފައި ނަޝީދުގެ ދަތުރަށް ހަރަދު ކުރަނީ ސީވީއެފް އިން ކަމަށެވެ.

ސްރީ ލަންކާގެ ރަައީސް ރަނިލް ވިކްރަމްސިންހަގެ ކްލައިމެޓް އެޑްވައިޒަރަކަށް ނަޝީދު ހަމަޖެއްސީ މިދިޔަ މަހުގެ ތެރޭގަ އެވެ.