ޖިންސީ ގޯނާގެ މައްސަލައެއްގައި ސްރީ ލަންކާގެ ކްރިކެޓް ތަރި ދަނުޝްކާ ގުނަތިލަކަ އޮސްޓްރޭލިއާ އިން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 31 އަހަރުގެ ދަނުޝްކާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ރިޕޯޓްކުރި މައްސަލައަކާ ގުޅިގެން ހައްޔަރުކުރީ މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގައި ވާދަކުރަން އޮސްޓްރޭލިއާ އަށް ލަންކާގެ ޓީމް މިހާރު ކުރަމުން އަންނަ ދަތުރުގެ ތެރޭގައި ޓީމު ތިބޭ ސިޑްނީގެ ހޮޓަލުން ރޭ މެންދަމުގެ ވަގުތެއްގަ އެވެ.
މީޑިއާތަކުން ބުނީ ދަނުޝްކާ ހައްޔަރުކުރީ އޭނައާ ގުޅޭ ގޮތުން މިދިޔަ ހަފުތާގެ ފަހުކޮޅު 29 އަހަރުގެ އަންހެނަކު ފުލުހުންނަށް ރިޕޯޓްކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލާގައި އަންހެން މީހާ ބުނައި ވަނީ އިރުމަތީ ސިޑްނީގެ ރޯޒް ބޭ އިން ދިމާވެގެން ދަނުޝްކާ އޭނާއާ ބެހިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދަނުޝްކާގެ ބަންދާ މެދު ގޮތެއް ނިންމަން މާދަމާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ދަނުޝްކާ އެންމެ ފަހުން ކުޅުނީ ޓީ20 ވޯލްޑް ކަޕް ހުޅުވަން ބޭއްވި މެޗްގައި މިދިޔަ މަހުގެ 16 ގަ އެވެ. ޖުމްލަ 16 ގައުމަކުން ވާދަކުރާ އެ މުބާރާތަކީ މި މަހުގެ 13 އާ ހަމައަށް ކުރިއަށް ގެންދާ މުބާރާތެކެވެ.