މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ޑިސެމްބަރު 17 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީން ބުނެފައިވަނީ، އެޕާޓީގެ 4 ވަނަ ކޮންގްރެސްގައި އަސާސީ ޤަވާއިދު އިސްލާހު ކުރިއިރު ދާއިރާ ހިންގާކޮމެޓީތައް ހޮވާގޮތް ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެއްރަށަށްވުރެ ގިނަ ރަށްރަށްހިމެނޭ ދާއިރާތަކުގެ ކޮންމެ ރަށަކުން ދާއިރާގެނާއިބު ރައީސް، ސެކްރެޓަރީ، އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ ހޮވަންޖެހޭގޮތަށް އިސްލާހު ގެނެސްފައިވެއެވެ. އަދި އެއްރަށުގައި އެއްދާއިރާ ނުވަތަ އެއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށްތަކުގެ ކޮންމެ ދާއިރާއަކުން އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އިންތިހާބުކުރަން ޖެހެއެވެ.
އެމްޑީޕީން ބުނެފައިވަނި މިހާރު ހިނގަމުންދާ ދާއިރާ ހިންގާ ކޮމިޓީތަކުގެ ދައުރަށް މިމަޤާމްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު 17 ޑިސެމްބަރ 2022 ގައި އޮންނާނެ ކަމަށެވެ. އަދި މިމަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ބޭފުޅުން ޕާޓީގެ ވެބްސައިޓްގައިވާ ދާއިރާ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 16 ނޮވެމްބަރ 2022 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށައެޅުމަށް އެދިފައިވެއެވެ.