އިންޑިއާ އަށް މިނިވަންކަން ލިބުނު ފަހުން ބޭއްވި އެންމެ ފުރަތަމަ އާންމު އިންތިހާބުގައި ވޯޓްލި ފުރަތަމަ މީހާ އުމުރުން 105 އަހަރުގައި މަރުވެއްޖެ އެވެެ.
އިންޑިއާ އަށް އިނގިރޭސީންގެ އަޅުވެތިކަމުން 1947 ގައި މިނިވަންކަން ލިބުނު ފަހުން ބޭއްވި ފުރަތަމަ އާންމު އިންތިހާބަކީ މޫސުން ލަފާކުރާ ގޮތަށް ބަލައި ފަސް މަސް އަވަސްކޮށް ހިމާޗަލް ޕްރަދޭޝްގައި 1951 ގައި ބޭއްވި އިންތިހާބެވެ.
އެ ސްޓޭޓްގައި ޖެހިގެން އައި އަހަރު ބާއްވަން އޮތް އިންތިހާބު އަވަސްކޮށް ވޯޓްލީ އެ ސްޓޭޓަށް ވަރަށް ބޮޑަށް ސުނޯ ފައިބާނެ ކަމަށް ލަފާކުރެވެމުންނެވެ. އެހެންވެ އާންމު އިންތިހާބެއްގައި ވޯޓްލި ފުރަތަމަ މީހާގެ ޝަރަފު ލިބުނީ ހިމާޗަލް ޕްރަދޭޝް އަށް ނިސްބަތްވާ ޝާމް ސަރަން ނެގީއަށެވެ. އެއާ އެކު އިންޑިއާގެ ތާރީހުގައި އޭނާގެ ނަން ލިޔެފައި ވަނީ "އިންޑިއާގެ ފުރަތަމަ ވޯޓް ދިން މީހާ" ގެ ގޮތުގަ އެވެ.

އިއްޔެ ޝާމް މަރުވީ ހިމާޗަލް ޕްރަދޭޝްގައި މިހާރު ކުރިއަށްދާ ސްޓޭޓް އެސެމްބްލީ އިލެކްޝަންގައި މީގެ ތިން ދުވަސް ކުރިން ވޯޓް ލާފައި ވަނިކޮށެވެ. އެގޮތުން އޭނާ ވޯޓްލާން ދިޔަ އިރު އިލެކްޓޯރަލް ކޮމިޝަނުން ރަތްދޫލައިގެ މަރުހަބާއެއް ވެސް ކި ކަމަށް މީޑިއާތަކުން ބުންޏެވެ.
ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި ޝާމް އަކީ އާންމުން ވޯޓަށް އަހުލުވެރިކޮށް، ވޯޓްލާން ހިތްވަރު ދިނުމުގެ ގޮތުން ކޮމިޝަނުން ހިންގި ކެމްޕޭނެއްގައި ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ވެސް 2014 ގައި މަސައްކަތްކޮށްފައިވާ މީހެކެވެ. ޝާމް އުފަންވީ ސެޕްޓެމްބަރު 4، 1917 ގަ އެވެ.