Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

ރައީސް ޔާމީނަށް އައްޑޫން ހޫނު މަރުހަބާއެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އައްޑު އަށް ވަޑައިގަތުމާ ގުޅިގެން ގަން އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އައްޑޫގެ ހުރިހާ އަވަށަކުން ވެސް މަރުހަބާ ކިޔަން މީހުން އެއާޕޯޓަށް ޖަމާވި އެވެ. އެގޮތުން މަރުހަބާ ޖަމާވި މީހުންނާ އެކީ ގަން އެއާޕޯޓްގެ ވީއައިޕީ ޓާމިނަލްގެ ބޭރު ފެނިގެން ދިޔައީ ވަރަށް ފިޔާތޮށިކޮށެވެ. އެގޮތުން ސަލާންކުރަން ދިގު ކިއު ވެސް ހަދާފައިވެ އެވެ. އަދި ރައީސް ޔާމީން ޓާމިނަލުން ނުކުންނަވައި ސަލާން ކުރައްވަމުން ގެންދެވި އިރު ގިނަ ބަޔަކު އަތްތިލަބަޑި ވެސް ޖަހަމުން ދިޔަ އެވެ.

އައްޑު އަށް މެންދުރު ފަހުން މޫސުން އެހާ ރަނގަޅު ނޫން ނަމަވެސް، ޔާމީނަށް މަރުހަބާ ކިޔަން ދުރާލައި ޕާޓީގެ އައްޑޫގެ މެމްބަރުން ވި ތައްޔާރީތަކާ އެކީ ފެނުނީ ވަރަށް ފޯރި އާއި ޖޯޝެވެ.

ޔާމީން މިއަދުން ފެށިގެން މި މަހުގެ 9 އާ ހަމައަށް އައްޑު އަށް ކުރައްވާ ދަތުރުގައި އައްޑޫގެ ހުރިހާ އަވަށަކަށް ވެސް ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވާނެ އެވެ. އެގޮތުން މިއަދު އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ފޭދޫގެ މެމްބަރުންނާ ބައްދަލުކުރުމަށް ޕީޕީއެމްގެ ފޭދޫ އޮފީހަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރުމަށްޓަކައި ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފައިވާ ޔާމީން އައްޑު އަށް ކުރައްވާ ދަތުރުގައި ހާއްސަ ޖަލްސާއެއް ވެސް އައްޑޫގައި ބާއްވަން ހަމަޖެހިފައިވެ އެވެ.

ޔާމީން އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގަ އެވެ. އަދި މިއީ އެ މަނިކުފާނު ތަންފީޒުކުރައްވަމުން ގެންދެވި ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތް ފަހުން އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރު ވެސް މެ އެވެ.

ރާއްޖޭގެ އެކި އަތޮޅުތަކަށް ވަޑައިގެން ޔާމީން ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، ޕީޕީއެމުން ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ކުރިން ޔާމީން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.