Last Updated: June 10, 17:01
Wednesday, June 10, 2026
ޚަބަރު

އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލަން ތައްޔާރު ވަނީ

ރައީސް ސޯލިހާއި، ރައީސް ނަޝީދު - ފޮޓޯ: ރައީސް އޮފީސް

އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާނު ކުރެވޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓަކު ކަނޑައެޅުމަށްޓަކައި އެޕާޓީގެ ޕްރައިމަރީ ބާއްވާނެ ކަމަށެވެ.

އަދި ޕްރައިމަރީ ބާއްވާނެ ދުވަހެއް، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އިއުލާނު ކުރެވޭނެ ކަމަށެވެ.

2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ނިންމާފައިވާއިރު، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ އެޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވާފައެވެ.

އެމްޑީޕީން ކެނޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެމްޑީޕީގެ ޓިކެޓުގައި ކޯލިޝަނާއެކު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން އަންނަނީ ރައީސް ސޯލިހާއެކު ދެވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.