އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފާހި ސްޕޯޓްސްއާއި އެފްސީ އަފިރިން ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއި މެޗު ވަނީ އެއްވަރު ވެފައެވެ. މިދެޓީމުވެސް ގްރޫޕުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފެއެއް ނުވެއެވެ. އެހެން ކަމުން ދެ ޓީމަށްވެސް މިއަދުގެ މެޗާއި އެކު އެ ޕޮއިންޓް ވަނީ ލިބިފައެވެ.
ފޭދޫގެ ފާހި ސްޕޯޓްސްގެ ޒުވާން ޓީމާއި މަރަދޫ-ފޭދޫގެ އެފްސީ އަފިރިން ބައްދަލު ކުރި މެޗުގައި ގިނަ ލަނޑުތަކެއް ވަނީ ފެނިފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި އަފިރިން ޓީމުގެ ގޯލު ހުޅުވައި ދިނީ ފާހި ޓީމުގެ މޫސާ ޒާހިރުއެވެ. އޭނާ 11 ވަނަ މިނެޓުގައި ޖެހި ލަނޑަށް ފަހު 15 ވަނަ މިނެޓުގައި އެ ޓީމުގެ އަލީ ނަޖާހު ވަނީ އިތުރު ލަނޑެއް ޖަހައި އަފިރިން ޓީމަށް ރަނގަޅު ލީޑެއް ހޯދައިދީފައެވެ.
ނަމަވެސް އަފިރިން ޓީމު ހޯދި ލީޑު ހިފަހައްޓާ ނުލެވި، ފާހި ޓީމުގެ ހައިޒޫމް މުހައްމަދު ނަޖީބު 21 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އަފިރިން ޓީމާއި ކައިރި ކޮށްލިއެވެ. އަދި އެ ޓީމުގެ މުހައްމަދު އާއިޝް ސަރީރު ފާހި ޓީމަށް ނަތީޖާ 2-2 އިން އެއްވަރު ކޮށްދީ އެ ޓީމަށް ހިތްހަމަޖެހުމުގެ ފުރުސަތު ހޯދައި ދިނެވެ. ހާފު ނިންމާލަން ކައިރިވެފައި އޮތްވާ ފާހި ޓީމުން ވަނީ ފަހަތުން އަރާ 3 ވަނަ ލަނޑާއެކު ލީޑުވެސް ނަގާފައެވެ. އެގޮތުން 45 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، އެ ޓީމުގެ ހުސެއިން ޝިފާޒްއެވެ.
މިމެޗުގެ ދެވަނަ ހާފުގައި އަފިރިން ޓީމުން ބެލީ ނަތީޖާ ހަމަހަމަ ކުރުމަށެވެ. އަދި އެޓީމުން ކުރި މަސައްކަތުގައި ރަނގަޅު ފުރުސަތުތަކެއްވެސް ހޯދިއެވެ. ނަމަވެސް އެ ޓީމަށް މިއިން ގިނަ ފުރުސަތުތައް ރަނގަޅަށް ބޭނުން ނުކުރެވި ވަނީ ނިންމާލާފައެވެ. މި ހާފުގައި ފާހި ޓީމުވެސް ލީޑު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއްކޮށް ކައުންޓަރ އެޓޭކް ރަނގަޅު ފުރުސަތުތަކެއް ހޯދިއެވެ. ނަމަވެސް އެ ޓީމަށްވެސް ފުރުސަތު ތަކުގެ ބޭނުން މި ހާފުގައި އެންމެ ރަނގަޅަށް ނުހިފެއެވެ. މި ހާފުގައި އަފިރިން ޓީމުން ފުރަތަމަ ލަނޑު ކާމިޔާބު ކުރި މޫސާ ޒާހިރު ވަނީ އެ ޓީމަށް 53 ވަނަ މިނެޓުގައި ނަތިޖާ ހަމަހަމަ ކޮށްދީފައެވެ. މިއާއެކު މެޗު ނިންމާލީ 3-3 އިން ދެ ޓީމުވެސް އެއްވަރު ވެގެންނެވެ.
މި މެޗުގެ މޭން އޮފް ދަ މެޗު ހޯދާފައިވަނީ އެފްސީ އަފިރިން ޓީމަށް ދެ ގޯލު ކާމިޔާބު ކޮށްދިން މޫސާ ޒާހިރުއެވެ.
މި ދެ ޓީމު ހިމެނޭ ގްރޫޕުގައި މިވަގުތު އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެގެން މެދުވަލު އެފްސީ ނުވަތަ މައިލޯ ޓީމެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ މަރަދޫ ޓީމެވެ. އެ ޓީމު މެދުވަލު އަތުން ބަލިވި ނަމަވެސް ފާހިއާއި ބައްދަލުކޮށް ފުރަތަމަ މެޗުން ވަނީ މޮޅެއް ހޯދާފައެވެ.
މި މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ފޭދޫ ސްޕޯޓްސް އަދި އެފްސީ ބޭރުމަތިއެވެ. މިމެޗަކީ މި ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. މިމެޗުގެ ނަތީޖާ ނުކުންނަ ގޮތުން މުބާރާތުގައި ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ކުރިއަށް ދާނެ ޓީމު ކަށަވަރު ވާނެއެވެ. މި ދެޓީމު ކުޅުނު ފުރަތަމަ މެޗު ފޭދޫ ސްޕޯޓްސް ވަނީ ކާމިޔާބު ކޮށްފައެވެ.
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީ މާކެޓެވެ.