އިއްޔެ ޓަންޒޭނިއާގެ މަތިންދާބޯޓެއް ވެއްޓި ހިނގި ހާދިސާގައި 19 މީހަކު މަރުވެއްޖެ އެވެ.
އެ ގައުމުގެ ޕްރެސިޝަން އެއާގެ ބޯޓް، ބުކޯބާ އަވަށުގެ ލޭކް ވިކްޓޯރިއާ އަށް ވެއްޓުނު އިރު އޭގައި 43 މީހަކު އޭގައި ތިއްބެވެ. އެއީ 39 ޕެސެންޖަރުންނާއި ހަތަރު ކްރޫ މެމްބަރުންނެވެ. ބޯޓް ލޭންޑްކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއާ ގުޅިގެން 26 މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. ނަމަވެސް އޭގެ ތެރެއިން ދެ މީހަކާއި ފަހުން ކޯރުން ނެގި ހަށިތަކާ އެކީ ޖުމްލަ 19 މީހުން މަރުވެފައިވެ އެވެ.
މިކަމާ ގުޅިގެން ޓަންޒޭނިއާގެ ބޮޑުވަޒީރު ކާސިމް މަޖަލީވާ ވެސް ހިތާމަފާޅުކުރައްވާފައިވެ އެވެ.
ޕްރެސިޝަން އެއާގެ ބޯޓް ވެއްޓި ފެނުން މައްޗަށް ފެންނަން އޮތީ އޭޓިއާރް-42 މަރުކާގެ ބޯޓްގެ ފަހަތު ބައި އެކަންޏެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމާ ގުޅިގެންނެވެ.