Last Updated: June 10, 17:01
Wednesday, June 10, 2026
ޚަބަރު

ގޮއިދޫ އިސް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަހުމަދު ނިޝާރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޖޭއެސްސީން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

މިމައްސަލައިގައި ޖޭއެސްސީން ބުނެފައިވަނީ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ ޤަޟިއްޔާ ބެލުމުން އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ތަނާޒުލުވުމުން އެ ޤަޟިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް، އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު އަމިއްލައަށް އެ ޤަޟިއްޔާ ބެލުމާ އަލުން ހަވާލުވެފައިވާ ކަމަށެވެ.

އެގޮތަށް އަލުން ޤަޟިއްޔާއާ ހަވާލުވެފައިވަނީ ކަނޑައެޅިފައިވާ އިޖުރާއަތާ ކަނޑައެޅިގެން ޚިލާފަށްކަމާއި، ފަހުން އެ ޤަޟިއްޔާ ބެލުމާ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު އަމިއްލައަށް ހަވާލުވެ ޝަރީއަތް ހިންގާފައި ވަނީ ކުރިން ތަނާޒުލުވި ސަބަބު ހަމައެގޮތުގައި ދެމިއޮއްވާކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ މިއީވެސް ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށާއި، ފަހުން އެ ޤަޟިއްޔާއާ ހަވާލުވެ ޝަރީޢަތް ހިންގަމުންދިޔަ ގޮތުންނާއި މި މައްސަލާގައި ހިނގާފައި އެހެން ވެސް ކަންކަމަށް ބަލާއިރު، މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ޤަޟިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު އަމިއްލައަށް އަލުން އެ ޤަޟިއްޔާ ބެލުމާ ހަވާލުވެ އެ ޤަޟިއްޔާ ހިންގާފައިވަނީ އިސްމެޖިސްޓްރޭޓާއި އެ ޤަޟިއްޔާގައި ދައުވާލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން، މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއީޒް މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށެވެ.

މިކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލަކަށްވާތީ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާކަމަށް ޖޭއެސްސީން ބުނެއެވެ.