Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ނަޝީދު ޗާޓްގެ ތެރެއަށް ގެންނަން ޖެހޭ: ޖަމީލު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންގެ ފައިސާ އިން މުސާރަ ނަންގަވައިގެން އެހެން ގައުމަކަށް މަސައްކަތްކޮށްދޭތީ، މުސާރަ ކަނޑައި، ނަޝީދު ޗާޓްގެ ތެރެއަށް ގެންނަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ މިސްރުގައި ފެށި މި އަހަރުގެ ކޮޕް27 ސަމިޓްގައި އަވައްޓެރި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ކްލައިމެޓް އެޑްވައިޒަރެއްގެ ގޮތުގައި ނަޝީދު މަސައްކަތްކުރައްވާތީ ޖަމީލު ވިދާޅުވީ މިފަދަ ކަންކަމުން ފެނިގެން ދަނީ އެމްޑީޕީގެ ލީޑަޝިޕްގެ ނާގާބިލުކަން ކަމަށެވެ. އެގޮތުން ނަޝީދާއި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ވެރިކަމަކީ ސަމާސާއެއް ކަމަށް ދެކިވަޑައިގަންނަވާ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"[މި ބޭފުޅުންގެ ފަރާތުން ފެންނަނީ] ނާގާބިލްކަމާއި ގައުމު ހަފުސްކޮށްލުމުގެ ނަމޫނާ،" ޖަމީލު ވިދާޅުވި އެވެ. "ރައްޔިތުންގެ މުސާރައިގައި އެހެން ގައުމަކަށް މަސައްކަތްކޮށް ދިނުމުގައި. މުސާރަ ކަނޑައި ޗާޓުގެ ތެރެއަށް ގެންނަން ޖެހޭ."

ކޮޕް27 ގައި ނަޝީދު ލަންކާގެ ވަފުދާ އެކީ އެ ގައުމު ތަމްސީލުރައްވާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމުން ވެސް އެކަން ބަލައިނުގަވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ ނަޝީދު ގައުމަށް ވަފާތެރިވުމާ މެދު ސުވާލު އުފައްދަވައިފަ އެވެ.