Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

1.6 މިލިއަންގެ ޓާގެޓް ހާސިލުވާނެ: އެމްއެމްޕީއާރްސީ

ރާއްޖެ އަށް މި އަހަރު 1.6 މިލިއަން ޓޫރިސްޓުން ގެންނަން ހިފާފައިވާ އަމާޒަށް އަންނަ މަހުގެ ކުރީކޮޅު ވާސިލުވެވޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މައިގަނޑު ޒިންމާ ނަގަމުން އަންނަ ކުންފުނީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ އަންނަ މަހުގެ ކުރީކޮޅު 1.6 މިލިއަން ޓޫރިސްޓުންގެ ޓާގެޓް ހާސިލުވާނެ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި އެކަމަށް ހުއްޓުމެއް ނެތި ވަރަށް ގުނަ މަސައްކަތްތަކެއް ވެސް އަންނަނީ ކުރެވެމުންނެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި މިދިޔަ މަހަކީ މިހާތަނަށް އޮކްޓޯބަރު މަހެއްގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އައި މަހެވެ. އެ މަހު 153،600 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ ފާއިތުވި ތިން އަހަރުގެ އެ މަސްތަކުގައި ޓޫރިސްޓުން އައި ނިސްބަތަށް ބަލާއިރު ވެސް 8 ޕަސެންޓްގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ވެސް ފުރިފައިވާ އިރު، ކުރިއަށް އޮތީ ޓޫރިޒަމްގެ ފީކް ސީޒަނަށްވާތީ ރާއްޖެ އިން ކަނޑައަޅާފައި އޮތް 1.6 މިލިއަން ޓޫރިސްޓުންގެ ޓާގެޓް ހާސިލުވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނައިން މިހާރު ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. ގަދަ ތިނެއްގައި ދެން ހިމެނެނީ ރަޝިއާ އާއި އިނގިރޭސިވިލާތެވެ.

އަންނަ އަހަރަށް ރާއްޖޭގެ ޓާގެޓަކީ މަދުވެގެން 2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.