Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ދެވަނަ ބުރުގައި ލިވަޕޫލާއި ރެއާލްގެ ކުރިމަތިލުމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ލިވަޕޫލް އާއި ރެއާލް އަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ދެ ޓީމެވެ. އެގޮތުން ލިވަޕޫލް 1-0 އިން ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ރެއާލް އިންނެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ފައިނަލުގައި ވެސް ލިވަޕޫލާ ކުޅެ ރެއާލް ވަނީ 3-1 އިން ލިވަޕޫލް އަތުން މޮޅުވެފަ އެވެ.

ދެވަނަ ބުރުގައި ދެން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކުރިމަތިލުމެވެ. މިއީ 2020 ވަނަ އަހަރުގެ ފައިނަލަށް ފަހު މި ދެ ޓީމު މި މުބާރާތުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެފަހަރު ޕީއެސްޖީ 1-0 އިން ބަލިކޮށް ތަށި އުފުލާލީ ބަޔާނުންނެވެ.

ދެވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ޖަރުމަނުގެ ރެޑްބުލް ލީޕްޒިގާ އެވެ. ޗެލްސީ އާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރަން ޖެހޭއިރު އިޓަލީގެ ޗެމްޕިއަނުން ކަމަށްވާ އޭސީ މިލާން ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މުޅިން އަލަށް ކުޅޭ ބެލްޖިއަމްގެ ކްލަބް ބްރޫޖުން ކުޅޭނީ ޕޯޗުގަލްގެ ބެންފީކާއާ އެވެ. އެންމެފަހުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުން ކަމަށްވާ އައިންޓްރަކްޓް ފްރޭންކްފާޓް ދެ ވަނަ ބުރުގައި ކުޅޭނީ އިޓަލީގެ ނަޕޯލީއާ އެވެ. އަދި އިންޓަ މިލާނުން ދެވަނަ ބުރުގައި ވާދަކުރާނީ ޕޯޓޯއާ އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އޮތީ އަންނަ ފެބްރުއަރީ މަހުގެ 14،15 އާއި 21،22ގަ އެވެ. ދެ ވަަނަ ލެގުގެ މެޗުތައް އޮންނާނީ މާޗް މަހުގެ 7،8 އާއި 14،15 ގަ އެވެ.