Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ބްރެޒިލްގެ ސްކޮޑުން ފަމީނޯ ބާކީކޮށްފި

ގަތަރުގައި މި މަހު ފަހުކޮޅު ފަށާ ވޯލްޑް ކަޕަށް ބްރެޒިލް އިން ނެގި ސްކޮޑުން ލިވަޕޫލަށް ކުޅެމުން އައި ފޯވާޑް ރޮބާޓޯ ފަމީނޯ ބާކީކޮށްފި އެވެ.

ވޯލްޑް ކަޕަށް ބްރެޒިލުން ނެގި 26 ކުޅުންތެރިންގެ ސްކޮޑު މިރޭ އިއުލާންކޮށްފައިވާއިރު ފަމީނޯގެ އިތުރުން އާސެނަލަށް ކުޅެމުން އަންނަ ޑިފެންޑަރު ގެބްރިއަލް ވެސް ވަނީ ސްކޮޑުން ބާކީކޮށްފަ އެވެ. ނަމަވެސް އުމުރުން 39 އަހަރުގެ ޑެނިއަލް އަލްވޭސް ވަނީ ބްރެޒިލްގެ ސްކޮޑަށް ނަގާފަ އެވެ.

ސްކޮޑުން ޖާގަ ލިބުނު އެހެން ކުޅުންތެރިންނަށް ބަލާއިރު މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް އަންނަ މާޓިނެއްލީ ވަނީ ހިމަނާފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އެންޓޮނީ އާއި ނިއުކާސަލް ޔުނައިޓެޑްގެ މިޑްފީލްޑަރު ބްރޫނޯ ގުއިމަރޭސް ވެސް ހިމަނާފަ އެވެ.

ބްރެޒިލް އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ. އަދި މި މުބާރާތާއި ބްރެޒިލުން ކުރިމަތިލަނީ ވެސް ފެވަރިޓުންގެ ގޮތުގަ އެވެ. ބްރެޒިލް އަށް އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރެވުނީ 2002 ވަނަ އަހަރު އެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް މިފަހަރު ލައްވާލާފައިވަނީ ސާބިޔާ، ސްވިޒަލޭންޑް އަދި ކެމަރޫންއާއެކު ގްރޫޕް ޖީ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ބްރެޒިލް ބައްދަލުކުރާނީ ސާބިޔާއާ އެވެ.

ވޯލްޑް ކަޕަށް ނެގި ބްރެޒިލްގެ ސްކޮޑް:

ގޯލްކީޕަރުން: އެލިސަން، އެޑަސަން، ވެވަޓަން

ޑިފެންޑަރުން: ތިއާގޯ ސިލްވާ، ޑެނިއަލް އަލްވޭސް، ޑެނީލޯ، އެލެކްސް ސަންޑްރޯ، އެލެކްސް ޓެލެސް، މާކިއުނޯސް، އެޑާ މިލިޓާއޯ، ބްރޭމާ

މިޑްފީލްޑަރުން: ކަސެމެއިރޯ، ފަބީނިއޯ، ބްރޫނޯ ގުއިމަރޭސް، ފްރެޑް، ލޫކަސް ޕަކޭޓާ، އެވަޓަން ރިބެއިރޯ

ފޯވާޑުން: ނޭމާ، ވިނީޝަސް ޖޫނިއާ، ގެބްރިއަލް ޖީސެސް، އެންޓޮނީ، ރަފީނިއާ، ރިޗާލިސަން، މާޓިނެއްލީ، ރޮޑްރިގޯ، ޕެޑްރޯ