ގަތަރުގައި މި މަހު ފަހުކޮޅު ފަށާ ވޯލްޑް ކަޕަށް ޑެންމާކުން ނެގި ސްކޮޑުގައި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހިމަނައިފި އެވެ.
ވޯލްޑް ކަޕަށް ނަގާ ސްކޮޑުގައި ޖުމްލަ 26 ކުޅުންތެރިން ހިމަނަން ޖެހޭއިރު ޑެންމާކުން މިހާތަނަށް އިއުލާންކޮށްފައިވަނީ 21 ކުޅުންތެރިންނެވެ. ބާކީ ފަސް ކުޅުންތެރިން އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މި ހަފްތާގައި ޔޫރަޕްގެ ލީގުތަކުގައި ކުޅޭ މެޗުތަކަށްފަހު އެވެ. ޓީމުތަކުގެ ސްކޮޑުތައް މި މަހު 13 ގެ ނިޔަލަށް ފީފާ އަށް ހުށަހަޅަންޖެހެ އެވެ.
ޑެންމާކުގެ 21 ކުޅުންތެރިންގެ ސްކޮޑުގައި އެރިކްސަން ހިމަނާފައިވާއިރު މިދިޔަ އަހަރު ބޭއްވި ޔޫރޯ މުބާރާތުގައި ހިތް ހުއްޓިގެން ފަރުވާދޭން ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ވަނީ ހުރެފަ އެވެ. ހިތުގެ މައްސަލައާ އެކު ވެސް މިދިޔަ ސީޒަނުގައި އެރިކްސަން ވަނީ ބްރެންޓްފޯޑްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.
ބްރެންޓްފޯޑްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން މިދިޔަ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ އެ ކްލަބަށް ގެނެސްފަ އެވެ. އެރިކްސަން އަކީ ޔުނައިޓެޑްގެ މެދުތެރޭގައި މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ.
ހިތުގެ މައްސަލައަށް ފަހު އެރިކްސަން ޑެންމާކްގެ ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެދިނީ މިދިޔަ މާޗު މަހު އެވެ. ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެ ޑެންމާކް ބަލިވި އެ މެޗުގައި އެރިކްސަން ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ.
ވޯލްޑް ކަޕްގައި ޑެންމާކް ލައްވާލާފައި ވަނީ ފްރާންސް އާއި އޮސްޓްރޭލިއާ އަދި ޓިއުނީޝިޔާއާ އެކު ގްރޫޕް ޑީ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ޑެންމާކް ނިކުންނާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ.