Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ލީގުގައި ފުރަތަމަ ފަހަރަށް ރެއާލް ބަލިވެއްޖެ

ރެއާލް ވަޔެކާނޯ އަތުން 3-2 އިން ބަލިވެ، ރެއާލް މެޑްރިޑް މި ފަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެ އެވެ.

ރެއާލް ރޭ ބަލިވުމުން ލީގުގެ އެއްވަނައިގައި 13 މެޗުން ލިބުނު 34 ޕޮއިންޓާ އެކު މިހާރު އޮތީ ބާސެލޯނާ އެވެ. ރެއާލް އޮތީ 13 މެޗުން ލިބުނު 32 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ.

ރޭގެ މެޗުގެ ފަސްވަނަ މިނެޓްގައި ސަންޓި ކޮމެސެނާ ވަޔެކާނޯ އަށް ލީޑު ނަގައިދިން ނަމަވެސް ލޫކަ މޮޑްރިޗް އާއި އެޑާ މިލިޓާއޯގެ ގޯލްތަކުން ރެއާލުން ވަނީ ނަތީޖާ އަނބުރާލާފަ އެވެ. ރެއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް މެޗުގެ 44 ވަނަ މިނެޓްގައި އަލްވަރޯ ގާސިއާ ވަނީ ވަޔެކާނޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 67 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އޮސްކާ ޓްރެހޯ ވަނީ ވަޔެކާނޯ އަށް ލީޑު ނަގާދީފަ އެވެ. ނަތީޖާ އެއްވަރުކުރަން ރެއާލުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ އެކަން ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

މިއީ ރެއާލުން މޮޅެއް ނުލިބި ލީގުގައި ޖެހިޖެހިގެން ނިންމާލަން ޖެހުނު ދެވަނަ މެޗެވެ. ލީގުގައި މިދިޔަ ހަފްތާގައި ޖިރޮނާއާ ރެއާލް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ކާޑިޒްއާ އެވެ.