Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ފަޔަށް ތިން ވަޒަން އެރި: އިމްރާން

ސިޔާސީ އާންމު އެއްވުމެއްގެ ތެރޭގައި އުޅުއްވަނިކޮށް މިދިޔަ ހަފުތާގެ ތެރޭގައި ދިން ހަމަލާގައި ފަޔަށް ތިން ވަޒަން އެރި ކަމަށް ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ސީއެންއެން އަށް ރޭ ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ތިން ވަޒަން އެރޫ ކަނާތު ފަޔަށް ކަމަށާއި ވާތު ފަޔަށް ވެސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ ޑޮކްޓަރުން ލަފާ ދީފައި ވަނީ ހައެއްކަ ހަފުތާ ވަންދެން އަރާމުކުރެއްވުމަށް ކަމަށް މި އަހަރުގެ ކުރީކޮޅު މަގާމުން ދުރުކުރި އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ސިޔާސީ ހަރަކާތެއްގައި ގުޖުންރާވާލާގައި އުޅުއްވަނިކޮށް މިދިޔަ ހަފުތާގެ ހަފުތާގެ ބުރާސްފަތި ދުވަހު ދިން ހަމަލާ އަކީ ސީދާ އަވަހާރަކޮށްލަން ދިން ހަމަލާއެކެވެ. އަދި މިކަމުގައި ސަރުކާރުގެ އަތެއްވާ ކަމަށް ވެސް އިމްރާން ތުހުމަތުކުރައްވާފައިވެ އެވެ. ހަމަލާދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ކަމާބެހޭ ފަރާތްތަކަށް ވެސް ޕާޓީގެ ފަރާތުން އެންގި ކަމަށާއި ނަމަވެސް އެކަމަށް އެދެވޭ އިޖާބައެއް ދީފައި ނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭނަ އަށް ހަމަލާއާ ގުޅިގެން ޕާކިސްތާންގެ އިންޓަ-ސާވިސެސް އިންޓެލިޖެންސް (އައިއެސްއައި) އިން ބުނެފައި ވަނީ އިމްރާނަށް ދިމާވެދާނެ ނުރައްކަލާ ގުޅޭ ގޮތުން ކުރިން ވެސ އޭނާއާ މުއާމަލާތްތަކެއްކޮށްފައިވާ ކަމަށެވެ. އަދި ފުަރާނަ އަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރެވިގެން އެކަން ރަސްމީ ފަރާތްތަކުން އިމްރާނަށް ދުރާލައި ހިއްސާކުރި ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އިމްރާން ތަކުރާރުކޮށް ތުހުމަތު ކުރައްވާ ގޮތުގައި އޭނަ އަވަހާރަކޮށްލަން އުޅުނީ ދުރާލައި ރާވައިގެން ސަރުކާރުގެ ތެރެއިންނެވެ. މި ވާހަކަތައް ސަރުކާރުން ދޮގުކޮށް، އިމްރާންގެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި އިމްރާން އުޅުއްވަނީ އެޕްރީލް މަހު މަގާމުން ވަކިކުރި ފަހުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރައިގެން، އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ގައުމުގެ ސުލްހަމަސަލަސްކަން ނަގާލުމަށެވެ. އަދި އެކަމަށް އެ ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.