Last Updated: June 10, 17:01
Wednesday, June 10, 2026
ޚަބަރު

ބަޖެޓް ބަހުސް ފަށައިފި، ރޭގަނޑުވެސް ކުރިއަށްގެންދާނެ

މަޖިލިސް ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ބަޖެޓް ބަހުސަށް ކޮންމެ މެމްބަރަކަށް 15 މިނެޓް ލިބޭނެ ކަމަށާއި، ކޮމިޓީ ރިޕޯޓަށް ވާހަކަ ދެއްކުމަށް ކޮންމެ މެމްބަރަކަށް 7 މިނެޓްގެ ފުރުސަތެއް ލިބޭނެ ކަމަށެވެ. އަދި ބަޖެޓް ބަހުސް ކުރިއަށްދާއިރު ފިނޭންސް މިނިސްޓަރަށް ބަހުސްގެ ތެރެއިން 45 މިނެޓްގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންގާރަ، ބުދަ އަދި ބްރާސްފަތި ދުވަހުގެ ޖަލްސާގައެވެ. އެ ތިން ދުވަހުގެ ޖަލްސާ ރޭގަނޑު 10:00 ޖަހަންދެން ކުރިއަށްގެންދިއުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކޮށްފައިވަނީ 37 މެމްބަރުންގެ ވޯޓުންނެވެ.

އަންނަ އަހަރަށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައި ވަނީ 42،680،269،914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާއެވެ. މީގެ ތެރެއިން ހަރަދުގެ ގޮތުގައި ހިންގާނީ 40.6 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރެންޓް ހަރަދުގެ 28.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ 14.1 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއާއެކު ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 5 ބިލިއަން ރުފިޔާއެވެ.