Last Updated: July 28, 13:29
Tuesday, July 28, 2026
މުނިފޫހިފިލުވުން

ބަނގުރޫޓްވެފައިވާ މާލިއާގެ ރޯލު އަނޫރާގަށް

ބަނގުރޫޓްވެފައިވާ އިންޑިއާގެ މަޝްހޫރު ވިޔަފާވެރިޔާ ވިޖޭ މާލިއާގެ ރޯލު ފިލްމެއްގައި ކުޅެން މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކޭޝަޕަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނީ ޖޫން މަހު "ދުބާރާ" ގެނެސްދިން ޑައިރެކްޓަރާ އެކީ މާލިއާގެ ރޯލު ކުޅެން މަޝްވަރާތައް ކުރެވެމުން އަންނަ އިރު، ފިލްމުގެ ޝޫޓިން މި މަހުގެ 20 ގައި ފަށަން ތާވަލުކޮށްފައިވާ ކަމަށެވެ. "ފައިލް ނަމްބާ 323" ގެ ނަން ދީފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ މަގުބޫލު ތަމަޅަ ފިލްމުތައް ކަމަށްވާ "އަޕަރްޗިޓް" އާއި "ޝިވާޖީ" ގެ އިތުރުން "2.0" ގައި އެސޯސިއޭޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ކާތިކް ކޭ އެވެ. މިއީ އޭނަގެ ފުރަތަމަ ޑައިރެކްޝަނެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މާލިއާ އަށް ބިނާކޮށް ހަދާ "ފައިލް ނަމްބާ 323" ބޮޑު، ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދާނެ އެއްޗެކެވެ. މުމްބާއީގައި މި މަހުގެ 20 ގައި ފިލްމުގެ ޝޫޓިން ފެށުމަށް ފަހު މީގެ މަންޒަރުތަކެއް ޔޫރަޕްގައި ވެސް ނަގާނެ އެވެ. އެގޮތުން މާލިއާ އިންޑިއާ އަށް ފިލައިގެން އުޅެމުން އަންނަ އިނގިރޭސިވިލާތުގައި ގިނަ މަންޒަރުތަކެއް ޝޫޓްކުރާނެ އެވެ.

މާލިއާ، 66، އަކީ ކުރިން ރާއްޖެ އަށް ވެސް ދަތުރުތަކެއް ބޭއްވި "ކިންގްފިޝާ" އެއާލައިންގެ ވެރިޔާ އެވެ. އޭނަ ބަނގުރޫޓްވެގެން އެ އެއާލައިން ވެސް ހުއްޓާލާފައިވާ އިރު، ވިޖޭ އަކީ އިންޑިއާގެ އެތައް ބޭންކަކަށް ދަރައި ހުރި މީހެކެވެ. އަދި އޭނަގެ މުދަލާއި އެކައުންޓްތައް ވެސް މިކަމާ ގުޅިގެން ހިފަހައްޓާފައިވެ އެވެ. ޓެކްހަށް ވެސް މަކަރުން ހެދުން ފަދަ އެތައް މައްސަލައެއް މާލިއާގެ މައްޗަށް އުފުލާފައިވާ އިރު، އޭނާ އުޅެނީ އިންޑިއާ ސަރުކާރަށް ފިލައިގެންނެވެ.

މާލިއާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖިއާ ސަބާގެ މެމްބަރުކަން ވެސް ދެ ދައުރަކަށް ކޮށްފައިވާ މީހެކެވެ. އެއީ 2002-2009 އަށް އަދި 2010-2016 އަށެވެ.

ޕިންކްވިލާ އިން ބުނީ "ފައިލް ނަމްބާ 323" އަންނަ އަހަރުގެ ތެރޭގައި ސިނަމާތަކަށް ގެންނާނެ ކަމަށެވެ.