Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

މުސާރަ ބޮޑުކުރުމާއެކު، ސިއްހީ ދާއިރާއަށް ބޮޑު އިސްކަމެއް

ރައީސް ސޯލިހް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާގެ ގޮތުގައި ސިއްހީ ދާއިރާވަނީ ހިމެނިފައެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މުޅި ސިއްހީ ދާއިރާއަށް 5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ސިއްހީ ދާއިރާގެ ތަރައްގީއަށް، 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށްވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އެކިއެކި ރަށްރަށުގެ ސިއްހީ މަރުކަޒާއި ހޮސްޕިޓަލްތަކުގެ އައު އިމާރާތް އެޅުމަށް 551 މިލިއަން ބަޖެޓްކޮށްފައިވެއެވެ.

ސިއްހީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީ ގެނައުމާއި، ވަސީލަތްތައް މުއްސަނދިކޮށް ހިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމަށް ބަޖެޓްގައި ހިމަނާފައިވެއެވެ. އެގޮތުން މެޑިކަލް ސަޕްލައިސް އަދި ކޮންސިއުމަބަލްސްއަށް ބަޖެޓްގައި 995 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ހިމަނާފައިވާއިރު، މިކަން ވެގެންދާނީ ސިއްހީ ދާއިރާއިން ބަޖެޓްގައި ހިމެނިފައިވާ އެންމެ އުފާވެރިކަމަށެވެ. ހަމަ އެހެންމެ، ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

"މި ސަރުކާރުގެ ވިސްނުމަކީ ޖުމުލަ ގޮތެއްގައި މިދާއިރާއަށް ކުރާ ހޭދަ އިޤުތިޞާދީ ހާލަތު ތަންދޭ މިންވަރަކުން އިތުރުކުރަމުން ދިއުން." މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ބަޖެޓްގައި ސިއްހީ ދާއިރާއިން ގެނެވޭ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް އަދަދުތައް ކަނޑައަޅާފައިވާއިރު، އޭގެތެރެއިން ފާހަގަކުރެވޭ އެއް ކަމަކީ ޓާޝަރީ ހޮސްޕިޓަލުތައް ގާއިމު ކުރުމަށް 73 މިލިއަން ކަނޑައަޅާފައިވުމެވެ. އަދި ލ. ގަމު ކެންސަރ ހޮސްޕިޓަލަށް 54 މިލިއަން ކަނޑައަޅާފައިވެއެވެ.