އަރްބާޒް ޚާނާއި ރަވީނާ ޓަންޑަން ކުޅޭ ފިލްމު "ޕަޓްނާ ޝުކްލާ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އަރްބާޒްގެ ދަރިފުޅު އަރްހާން ޚާން މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމެރިކާގެ ނިއު ޔޯކްގެ ލޯންގް އައިލޭންޑް ޔުނިވަސިޓީގައި ފިލްމު މޭކިން ކިޔަވަމުން އަންނަ 19 އަހަރުގެ އަރުހާނަކީ އަރްބާޒާއި ކުރީގެ އަންހެނުން މަލައިކާ އަރޯރާ އަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އަރުހާން ދާދި ފަހުން އިންޑިއާ އަށް ކުރި ދަތުރެއްގައި ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ވެސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.
އާލިއާ ބަޓާއި ރަންވީރު ސިންގް ލީޑް ރޯލުން ފެންނާނެ އެ ފލްމުގެ އެސުސްޓެންޓުންގެ ގޮތުގައި އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނާއި ބަތަލާ މަދޫރީ ޑިކްސިޓްގެ ދޮށި ދަރިފުޅު އަރިން ނޭނޭ ވެސް މަސައްކަތްކޮށްފައިވެ އެވެ.
އަރްހާނާ ބެހޭ ގޮތުން ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އަރްބާޒް ބުނީ ފިލްމު މޭކިންގެ ދެވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި މިހާރު ކިޔަވަމުން އަންނަ އަރުހާން އަންނަ މަހުގެ ތެރޭގައި މުމްބާއީ އަށް ދާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
"މިހާރު ޝޫޓިން ފަށާފައިވާ އަހަރެންގެ ޕަޓްނާ ޝުކްލާގެ އެސިސްޓެންޓެއްގެ ގޮތުގައި އަރުހާން މަސައްކަތްކުރާނެ. ވަރަށް އުފަލުން މި ހުރީ ދަރިފުޅާ އެކީ މަސައްކަތްކުރުމުގެ ފުރުސަތު ލިބޭތީ،" ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ބުންޏެވެ. "އަރުހާން ވަނީ ކަރަންއާ އެކީ ވެސް މަހެއްހާ ދުވަހު މަސައްކަތްކޮށްފައި. އެހެންވެ މިހާރު އޭނަގެ އަމިއްލަ ތަޖުރިބާތަކެއް ވެސް ހުންނާނެ. މިއީ އަނެއްކާ ވެސް އޭނަ އަށް އިތުރު ތަޖުރިބާއަކަށް ވާނެ."
ސޯޝަލް ޑްރާމާއެއްގެ ގޮތުގައި ހަދާ "ޕަޓްނާ ޝުކްލާ" އަކީ އަރުބާޒް ޕްރޮޑިއުސް ވެސް ކުރާ ފިލްމެކެވެ. އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ކާސްޓްގައި ސަތިޝް ކޯޝިކް، މާނަވް ވިޖް، ޗަންދަން ރޯއި ސަނިއާލް، ޖަތިން ގޮސްވާމީ އަދި އަނުޝްކާ ކޯޝިކް ވެސް ހިމެނެ އެވެ.