ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށްދޭނެ ބަދަލުތަކެއް ޓެކްސްގެ ނިޒާމަށް ގެންނަންޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރަމުން މީކާއިލް ވިދާޅުވީ ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މުޅި ޓެކްސްގެ ނިޒާމަށް އިސްލާހުތަކެއް ގެނައުމަށް ވިސްނަންޖެހޭ ކަމަށެވެ.
ރާއްޖޭގެ ޓެކްސްގެ ނިޒާމުން ރަނގަޅުކުރަންޖެހޭ ކިތަންމެ ކަމެއް ފާހަގަވާކަން ފާހަގަކޮށް މީކާއިލް ވިދާޅުވީ، ޕްރޮޕަޓީ ޓެކްސް ނެގޭގޮތް ބަދަލުކުރަންޖެހޭ ކަމަށެވެ. މިހާރު އޮތްގޮތުން މެދުފަންތީގެ މީހާ ގަންނަ އެޕާޓްމެންޓަށްވެސް ޓެކުހުގެ ގޮތުގައި ބޮޑުއަދަދެއް ދައްކަންޖެހޭކަމަށެވެ.
"މިނިޒާމަށް ޕްރޮގްރެސިވް ބަދަލުތަކެއް، ހަމަހަމަކަން ގާއިމުކޮށްދޭނޭ، އެއްރައްޔިތަކާ އަނެއްރައްޔިތަކާ ދެމެދު އޮންނަ ފަރަގު ކުޑަކޮށްދޭނޭ ގޮތަކަށް މި ނިޒާމު ބައްޓަން ކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭ." މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ އާމްދަނީން ނަގާ ޓެކުހުގެ ބްރެކެތްތަކާއި ރޭޓްތައްވެސް މުރާޖާކުރަންޖެހޭ ކަމަށެވެ.
ޑިވިޑެންޓުންވެސް ޓެކްސް ނެގެންޖެހޭކަން ފާހަގަކޮށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު ނަފާއެއް ހޯދާއިރު ޑިވިޑެންޓުން ޓެކްސް ނުނެގުމަކީ އާންމު ރައްޔިތުމީހާއަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
މީގެއިތުރުން މީކާއިލް ވަނީ ސަބްސިޑީ ދެވޭގޮތްވެސް ބަދަލުކުރަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.
"އަޅުގަނޑު ހިތަށްއަރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް މިތަނުން އިންޝުއަރެންސެއް ހާއްސަކުރެވިފައި އޮންނައިރު، އާދައިގެ ރައްޔިތުމީހާއަށް ދެވޭ އާސަންދައިންވެސް [މެމްބަރަށް] އެއްޗެއް ލިބެންޖެހޭތޯއޭ؟ އަޅުގަނޑު ހިތަށްއަރަނީ ރައްޖޭގެ ކޮންމެ ރައްޔިތަކަށް އެއް ހަމައެއްގައި އެ އާސަންދަ ލިބުން އެއީ އެންމެ އާދައިގެ ރައްޔިތުމީހާއަށް އެންމެ އިންސާފުވެރި ގޮތްތޯއޭ؟" މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ސަބްސިޑީގެ ހައްގުވެރިންނަށް އެ ދޭން ބޭނުންވާނަމަ، ދެވޭ ސަބްސިޑީތަކަކީ ޓާގެޓެޑް ސަބްސިޑީސްއަށް ބަދަލުވާންޖެހޭ ކަމަށެވެ.
ޖުމުލަގޮތެއްގައި ވާހަކަ ދައްކަވަމުން މީކާއިލް ވަނީ 2023 ވަނަ އަހަރުގެ ބަޖެޓަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ބަޖެޓްކޮށްފައިވާ ކަންކަމަށް ވެސް ފާހަގަ ކުރައްވާފައިވެއެވެ.