Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

އައްޑޫން ކީ މަރުހަބާ ބޮޑުކަމުން ބަޔަކު އުޅެނީ އުނދަގޫވެގެން

އައްޑު އަށް ވަޑައިގަތުމުން ކީ މަރުހަބާ ބޮޑުކަމުން އެކަމާ އުނދަގޫވެގެން ބަޔަކު މީހުން އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިއްޔެ މެންދުރު ފަހު މަރަދޫގައި ޕީޕީއެމްގެ ޖަހަގައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ހަވާސާގެ ތެރެއިން ބަޔަކާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން ކީ މަރުހަބާ ބޮޑުކަމުން "އެ މީހުން އުޅެނީ އެކަމާ އުނދަގޫވެގެން" ކަމަށެވެ.

"މިސާލަކަށް އިއްޔެ އަޅުގަނޑަށް ދިން ރިސެޕްޝަން ނޫނީ ވެލްކަމް، އެ ވެލްކަމް އެ މީހުންނަށް ފެނުނީމަ އެ މީހުން އެ އުޅެނީ އުނދަގޫވެގެން." އެމްޑީޕީގެ މެމްބަރުންނަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާން ވިދާޅުވީ ކޮންމެ ބަޔަކު ނަމަވެސް "އެހެން ވެދާނެ" ކަމަށެވެ.

ޔާމީން އާދީއްތަ ދުވަހު އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓުން ޕީޕިއެމްހެ މެމްބަރުން ހޫނު މަރުހަބާއެއް ކިޔެ އެވެ. މި ދަތުރަކީ ތަންފީޒުކުރައްވަމުން ގެންދެވި ޖަލު ހުކުމް ސަލާމަތްވެވެވަޑައިގަތް ފަހުން ޔާމީން އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އަންނަ ބުރާސްފައްޗާ ހަމައަށް ކުރައްވާ މި ދަތުރުގައި އެ މަނިކުފާނު ގެންދަވަނީ އައްޑޫގެ ވަކިވަކި އަވަށްތަކަށް ވަޑައިގެން ސިޔާސީ ހަރަކާތްތައް ހިންގަވަމުންނެވެ.

ޔާމީންގެ މި ދަތުރުގެ ތެރެއިން ޕީޕީއެމާ އަލަށް ގުޅޭ މީހުންގެ ފޯމްތައް ވެސް އަންނަނީ ހަވާލުކުރަމުންނެވެ.

ފޭދޫގައި އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެމްޑީޕީ އަށް މިހާރު އައްޑޫ ބީވެއްޖެ ކަމަށެވެ. ޔާމީން ވިދާޅުވީ އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް މީހުން ނިކުތް އަދަދު އެމްޑީޕީ އަށް ފެންނާނެ ކަމަށާއި އެއާއެކީ އައްޑު އެމްޑީޕީގެ އަތުން ބީވެގެން ގޮސްފައިވާކަން މިހާރު އެ ޕާޓީ އަށް އެނގިގެން ގޮސްފައިވާ ކަމަށެވެ.

"އެ ބޭފުޅުންނަށް މި އަދަތުތައް ފެނުނު. އަދި އެ ބޭފުޅުންނަށް ފެނޭ އެ ބޭފުޅުންގެ ރައީސް ވަޑައިގަތީމަ މެހެމާންދާރީ ކިޔާގޮތް ވެސް. މި ހުރިހާ ހިފެހެއްޓުމަކާ އެކީ ވެސް އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑާއި، އަޅުގަނޑުގެ ޓީމަށް ތި ކީ މަރުހަބާ އިން އެ ބޭފުޅުންނަށް [އެމްޑީޕީ] ބޮޑުތަނުން އެނގިވަޑައިގަންނަވާ ކަންނޭނގޭ އައްޑޫ ސިޓީ އެ ބޭފުޅުންގެ އަތުން ބީވެގެން ހިނގައްޖެކަން." ޔާމީން ވިދާޅުވި އެވެ.