އަންނަ މަހުގެ 2 ގައި ޒީ5 އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު މަދޫރް ބަންޑާކަރްގެ "އިންޑިއާ ލޮކްޑައުން" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
މިއީ މީގެ ދެ އަހަރު ކުރިން ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާގައި އިއުލާންކުރި ލޮކްޑައުންގެ ސަބަބުން އެކި ދާއިރާތަކުގެ މީހުންގެ ދިރިއުޅުމަށް އައި ބަދަލުތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. "އިންޑިއާ ލޮކްޑައުން" ގެ ކާސްޓްގައި ޕްތަރީކް ބައްބަރް، އަހާނާ ކުމްރާ، ޝްވޭތާ ބާސޫ ޕްރަސާދު، ސައީ ތަމްހާކަރް އަދި ޕްރަކާޝް ބެލަވާޑީ ހިމެނެ އެވެ.
ހުނަރުވެރި ޑައިރެކްޓަރު މަދޫރަކީ "ޗާންދުނީ ބާ" އާއި "ޕޭޖް 3" އާއި "ފެޝަން" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދީގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޑައިރެކްޓަރެކެވެ.
އޭނަގެ އެންމެ ފަހުންގެ ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން މިދިޔަ ސެޕްޓެމްބަރު މަހު ޕްރީމިއާކުރި "ބަބްލީ ބައުންސާ" އެވެ.